އާޓިފިޝަލް ބީޗުގައި ހިންގި ހަމަނުޖެހުމުގައި އިސްކޮށް އުޅުނު މީހާ އަތުލައިގަނެ، ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އާޓިފިޝަލް ބީޗު ސަރަހައްދުގައި ހަމަނުޖެހުން ހިންގީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެ ހަމަނުޖެހުން ހިންގީ އެ ތަނަށް ގޮސް އުޅުނު އިންޑިއާގެ ބައެއްގެ މެދުގައެވެ.
އެކަމުގައި އިސްކޮށް އުޅުނު މީހާގެ ފޮޓޯއާއި ވަނަވަރާއެކު އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އުމުރުން 25 އަހަރުގެ އެ މީހާ ހޯދީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ.
އެ ހަމަނުޖެހުމުގައި ޝާމިލުވާ ހުރިހާ އެންމެންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.