ޚަބަރު

ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރު އޮތް ރަހުމަތްތެރިއެއް: ނައިބު ރައީސް

ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރު އޮތް ރަހުމަތްތެރި ގައުމެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު، ބޭއްވެވި ގްރޫޕް ބައްދަލުވުމުގައި ނައިބު ރައީސް ތަގުރީރު ކުރެއްވި ކަމަށެވެ.

ނައިބު ރައީސް ވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އާއި ޔުނަން ޕްރޮވިންޝަލް ޕީޕަލްސް ގަވަމަންޓުން ބަހައްޓާ ގާތްކަމާއި އަދާކުރާ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޗައިނާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރު އޮތް ރަހުމަތްތެރިއެއް ކަމުގައި ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖެއިން "ވަން-ޗައިނާ" ޕްރިންސިޕަލާ މެދު ގެންގުޅޭ ދެމެހެއްޓެނިވި އިލްތިޒާމަކީ ދެ ގައުމުގެ ގުޅުން ދެމެހެއްޓުމުގެ މައިގަނޑު ތަނބު ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށެވެ.

މީގެ އިތުރުން އެ ބައްދަލުވުމަކީ، ދެ ގައުމުގެ މެދުގައި އޮތް ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތެއްކަން ނައިބު ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.