ނައިންޓީ ޕްލަސް ގޯލްޑް ކަޕް

ތަފާތު ބޮޑު މޮޅަކާއެކު އައްޑޫ އެއްވަނައިގައި ކުއާޓާއަށް، މާލޭގެ މައްސަލައަކާ ގުޅިގެން ފަސްކުރި މެޗު މިއަދު

އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ދެވަނަ ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އައްޑޫ ސިޓީން ޅ. ނައިފަރު ބަލި ކުރި އިރު، އިއްޔެ ހަވީރު ރ. އަލިފުއްޓާއި މާލޭ ސިޓީ ވާދަކުރަން އޮތް މެޗު ފަސްކޮށްފިއެވެ.

ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ވާދަކުރަމުންދަނީ 12 ޓީމެވެ. 12 ޓީމު ހަތަރު ގްރޫޕެއްގައި ވާދަކުރަމުންދާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. އޭގެ ތެރެއިން ކުއާޓާ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ދެ ޓީމެވެ.

ގައުމީ ދަނޑުގައި ރޭ ކުޅުނު ގްރޫޕް އެޗްގެ މެޗުގައި އައްޑޫން ނައިފަރު ބަލިކުރީ 7-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް އައްޑޫ ނުކުތީ ފުރަތަމަ މެޗުގައި 3-3 އިން ދ. މީދުއާ އެއްވަރުވެފައި އޮވެގެންނެވެ. އެ ގްރޫޕްގައި ދެން ކުޅެފައި އޮތް މެޗުގައި ނައިފަރުން 2-0 އިން މީދޫ ބަލި ކުރި އިރު، ރޭގެ މެޗަށް ނުކުތް އިރު ވެސް ނައިފަރަށް އޮތީ ކުއާޓާ ޔަގީންވެފައެވެ. އެހެން ނަމަވެސް އައްޑުއަށް އޮތީ ޕޮއިންޓެއް މުހިއްމުވެފައެވެ.

އެ ހާލަތުގައި އޮވެ އައްޑޫން ރޭގެ މެޗަށް ނުކުމެ ހޯދި ފުރިހަމަ މޮޅުގައި އެންމެ މުހިއްމު ރޯލެއް އަދާކުރީ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ)އެވެ. އިއްބެ މެޗުގައި ފަސް ގޯލު ޖެހި އިރު، އޭނާގެ އިތުރުން ދެން ގޯލުތައް ޖެހީ އިސްމާއިލް އީސާ (މެސީ) އާއި ހާޒިމް ފައުޒީ (ހަތީ)އެވެ.

މެޗުގައި ނައިފަރުގެ ގޯލުތައް ޖެހީ މުހައްމަދު އިޒާނާއި ކެޕްޓަން ހުސެއިން ފައިސަލް (ފައިޓޯ) އެވެ.

އިއްޔެ ހަވީރު ގޯލްޑް ކަޕްގައި ކުޅެން އޮތީ ގްރޫޕް އެޗްގައި މާލެ އާއި އަލިފުށި ވާދަކުރަން އޮތް މެޗެވެ. އެ މެޗަށް ދެ ޓީމު ހާޒިރުވެ މެޗުން ފަށަން ތައްޔާރުވި ނަމަވެސް، މެޗު ވަނީ ފަސްކުރަން ނިންމައިފައެވެ.

އެއީ މާލޭން އެންމެފަހުން ޅ. ކުރެންދުއާ ދެކޮޅަށް ކުޅުނު މެޗުގައި، މާލެއިން ބޭރުގެ އިތުރު ދެ ކުޅުންތެރިޔަކަށް ފުރުސަތު ދިން ކަމަށް ބުނެ، ކުރެންދޫ ކައުންސިލުން ހުށަހަޅާފައިވާ މައްސަލައެއްގެ ސަބަބުންނެވެ.

ގޯލްޑް ކަޕްގެ ގަވާއިދުގައި ވާގޮތުން ކޮންމެ ޓީމަކަށް އެ ޓީމު ނިސްބަތްވާ ސިޓީ ނުވަތަ ރަށުން ބޭރުން ޓީމަށް ޖެހެނީ ދެ ކުޅުންތެރިންނެވެ. މާލޭ ޓީމުގައި އެ ސްލޮޓްގައި ހިމަނާފައި ވަނީ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލާއި އަލީ މުނާޒެވެ.

ކުރެންދޫން ހުށަހެޅި މައްސަލައަކީ މާލެ ޓީމުގެ އަހްމަދު މާއިޝް ރަޝީދާއި އަހްމަދު ނާހިލް އިބްރާހިމަކީ ދ. ހުޅުދެލީގެ ރަޖިސްޓަރީގައި އޮތް ދެ ކުޅުންތެރިން ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. ކުރެންދޫ ކައުންސިލުން މައްސަލަ ހުށަހެޅި އިރު އައިޑީ ކާޑު ހުށަހެޅި ނަމަވެސް، މާލެއިން ވަނީ އެ ކުޅުންތެރިންގެ ރަޖިސްޓްރީ މާލެއަށް ކޮށް، ހަދާފައިވާ އައިޑީ ކާޑަކާ އެކު އުފަން ދުވަހުގެ ސެޓްފިކެޓް ވެސް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ގޯލްޑް ކަޕުން ޖަވާބުދާރީވުން ލަސްވި ކަމަށް މާލެއިން ބުނެފައިވާ އިރު، މިހާރު ނިންމާފައި ވަނީ އެ މެޗު މިއަދު ކުޅުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލް ނިންމީ މާލޭ ކޮޅަށެވެ.

ގޯލްޑް ކަޕްގެ ކުއާޓާ ހަ ޖާގަ މިހާރު ޔަގީންވެފައިވާ އިރު، ގްރޫޕް އީގައި އެއްވަރުވެފައި އޮވެގެން ގުރުއަތު ނެގި ތ. ތިމަރަފުއްޓާއި ފުވައްމުލަކު ސިޓީގެ ތެރެއިން ކުއާޓާއަށް ދިޔައީ ފުވައްމުލަކެވެ. އެ ގުރު ނެގީ އިއްޔެއެވެ.