ނައިންޓީ ޕްލަސް ގޯލްޑް ކަޕް

ގޯލްޑް ކަޕްގެ ފައިނަލުގައި އޭދަފުއްޓާއި އައްޑޫގެ ކުރިމަތިލުމެއް

މުޙައްމަދު ޝަމްޢޫން

އިއްޔެއާއި ރޭ ކުޅުނު ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ބ. އޭދަފުއްޓާއި އައްޑޫ ސިޓީން އެ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެެވެ.

މީގެ ކުރިން 2016 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ގައުމީ ދަނޑުގައި އުފުލައިލި އޭދަފުށިން ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅޭ ދެވަނަ ފައިނަލަށް ފުރުސަތު ފަހިކުރީ އިއްޔެ މާލެ ސިޓީ ކައިރިން 3-2 އިން މޮޅުވެގެންނެވެ.

އިއްޔެ ހަވީރު ގިނަ ސަޕޯޓަރުންތަކަކާއެކު ކުޅުނު ސެމީ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އޭދަފުށިން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލު ޖަހައިފައެވެ. އެ ގޯލުތައް ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިޝާން އިބްރާހީމް (ސައްޓު)އެވެ. ހަމްޕު މެޗުގައި ދެ ގޯލު ޖެހިއެވެ.

އެ ލީޑާއެކު އޭދަފުއްޓަށް ފަހު ހާފު ފަސޭހަވާނެ ކަމަށް ބެލެވުނު ނަމަވެސް، ކަންވީ އެއާ އިދިކޮޅަށެވެ. މާލެއިން ވަނީ ހިތްވަރުކޮށް އޭދަފުއްޓަށް މެޗު އުނދަގޫ ކޮށްލައިފައެވެ. ދެވަނަ ހާފަށް ނުކުމެ، އަވަސް ގޯލަކާއެކު މާލެއިން ފަރަގު ކުޑަކުރި އިރު، އެ ގޯލު ޖެހީ އަލީ ޝިޔާހެވެ.

އޭގެފަހުން ރިލްވާން ވަހީދު (ރިލޭ) ޖެހި ޕެނަލްޓީއަކުން މާލެއިން އެއް ގޯލަށް ފަރަގު ކުޑަކުރި ނަމަވެސް އޭދަފުށިން ވަނީ މެޗުގެ ނަތީޖާ ހިފަހައްޓައިލައިފައެވެ.

ރޭ ކުޅުނު އަނެއް ސެމީގައި އައްޑޫން ރ. އަލިފުށި ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ގޯލެއް ނުފެނި ނިމިގެން ގޮސްފައިވާ އިރު، އައްޑޫން ވަނީ އެ ހާފުގައިވެސް ނުރައްކާ ކޮށްފައެވެ. އަލީ ނާފިއު (ކަޅޭ) އާއި ޝަމްވީލް ގާސިމް (ބޮންޑާ)ގެ ނުރައްކާ ފުރަތަމަ ހާފު ފެނިގެން ދިޔަ އިރު، ދެވަނަ ހާފުގައި އައްޑުއަށް ލީޑު ނަގައިދިނީވެސް ތަޖުރިބާކާރު މިޑްފީލްޑަރު ބޮންޑާއެވެ.

އައްޑޫ ސިޓީއަށް ދެވަނަ ގޯލު ޖަހައިދިނީ، ބަދަލަކަށް ކުޅެން އެރި، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.