ޚަބަރު

ދެ ކެފޭއަކަށް ގެއްލުންދިން މައްސަލައަކާއި ތިން މާރާމާރީއެއް ހިންގި މައްސަލަ ބަލަން ފަށައިފި

މުހައްމަދު އިޝާން

ދެ ކެފޭއަކަށް ގެއްލުންދިން މައްސަލައަކާއި މާރާމާރީތަކެއް ހިންގި މައްސަލައެއް ބަލަން ފަށައިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ހެލްމެޓް އަޅައިގެން ތިބި ބަޔަކު އައިސް މުނިޔާމަގު ހުންނަ ދިރިޕަބްލިކް ކެޕޭ ތެރެއަށް ވަދެ އެތަނަށް ގެއްލުންދީ، މާރާމާރީ ހިންގި މައްސަލަ ރޭ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަަމަށެވެ.

މިމަހުގެ 12 ގައި ލެޓްސްގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލައެއް ވެސް ހުށަހަޅައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުމުގައި ހުންނަ ކިންޒާ ކެފޭ ކުރިމަތީ ހަ މީހަކު އައިސް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއް ވެސް އިއްޔެ ހުށަހަޅައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފިލިގަސްމަގުގައި ހުންނަ ނޫރު މިސްކިތް ކައިރީގައި ވެސް ބަޔަކު މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލައިގެ އިތުރު ތަފުސީލު ލިބެމުންދާ ވަރަކަށް ހިއްސާ ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.