ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި ހުރި ރީތި އާދަތައް ސިޔާސީ އަވައިގައި ޖެހި ނެތެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުއި ވިދާޅުވީ ތަރައްގީގެ ދެބާވަތެއް އޮންނަ ކަމަށެވެ. ފުރަތަމަ ބާވަތަކީ އުމްރާނީ ތަރައްގީ ކަމަށާއި ދެވަނަ ބާވަތުގެ ތަރައްގީއަކީ އިންސާނުންގެ ފިކުރަށް އަންނަ ތަރައްގީ ކަމަށެވެ. އުމްރާނީ ތަރައްގީއާއެކު ފިކުރީ ތަރައްގީ އައިސްގެން ނޫނީ ހަގީގީ މާނައިގައި ގައުމު ތަރައްގީ ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ނެތިގެން އެބަދޭ، އަމުދުން މިފަހަކަށް އައިސް ސިޔާސީ މައިދާން ފުޅާވެގެން ގޮސް ތަޣައްޔަރުވެގެންދާ ވަރަކަށް އޭގެ ތެރޭގައި އޭގެ އަވައިގައި ޖެހިގެން އަޅުގަނޑުމެންގެ ތެރޭގައި ހުރި ވަރަށް ގިނަ ރީތި އާދަތަކެއް ގަސްތުގައި ނޫނަސް އެބަގެއްލޭ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ އެކަންކަން އެބަޖެހޭ އިއާދަކުރަން. އެހެންނޫނީ ގައުމެއް ނެތް. އަޅުގަނޑުމެން ތެރޭގައި މީހުންނަށް އިހުތިރާމުކުރުން، ރީތި ބަހުން ވާހަކަދެއްކުން. މިކަންކަން އިއާދަކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ގައުމުގެ މުސްތަގުބަލު އަޅުގަނޑުމެންގެ ދަރިންނަށްޓަކައި ފޯރުކޮށްދޭން ބޭނުންވާ އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ކުރިން އޮތް ރީތި ގޮތަށް އިއާދަކޮށް ފޯރުކޮށްދޭންޖެހޭ. ރައީސް ވިދާޅުވިއެވެ.
މިއީ ގުޅިލާމެހިފައިވާ ދުނިޔެއަކަށް ވުމުން ދުނިޔޭގައި އުފެދޭ ނުބައި ކަންތައްތަކުގެ އަސަރު ރާއްޖެއަށް ވެސް ފޯރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަންކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ވޭޕް ބޭނުން ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކަކީ އެގޮތަށް ރާއްޖެއަށް އައިސްފައިވާ މައްސަލަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.