މި ސަރުކާރުން ކުރިއަށްދާނީ ކުރިމަތިވާ އަދި ކުރިމަތިކުރުވާ ޗެލެންޖުތަކާއެކުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އދ. ދަނގެއްޗަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ދައުލަތުގެ ތިން މިނިސްޓްރީއެއް ހިނގަމުންދިޔަ އިމާރާތުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ ކުރިމަތިވި ބޮޑު ޗެލެންޖެއް ކަމަށެވެ. ނަމަވެސް އެފަދަ ކަމަކުން ސަރުކާރުގެ ހިތްވަރު ބަލިނުވާ ކަމަށާއި ކުރިއަށްދާނީ ވަރުގަދަ އަޒުމެއްގައި ކަމަށް ވިދާޅުވިއެވެ.
"މިފަދަ ކަމެއް ދިމާވީމަވެސް، މިފަދަ ޗެލެންޖެއް ކުރިމަތިވީމަވެސް، އަޅުގަނޑުމެންގެ ހިތްވަރު ބައްޔެއް ނުވެޔޭ. ހިތްވަރާއެކު ވަރުގަދަ އަޒުމެއްގައި ވަރަށް ސާބިތުކަމާއެކު ކުރިމަތިވާ ކޮންމެ ކަމަކާ ކުރިމަތިލައިގެން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކެރިގެން ކުރިއަށް ދިއުމޭ އެއީއޭ އަޅުގަނޑުގެ އަޒުމަކީ، އެއީއޭ އަޅުގަނޑުމެން މަސައްކަތް ކުރާ ގޮތަކީ. އެއީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަޅުގަނޑުމެން މި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ގޮތަކީވެސް. އެކަމުގެ ނަތީޖާ ފޮނިވާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިިރު، ކުރަން ޖެހުނު އެންމެ ބޮޑު މަސައްކަތަކީ ބަނގުރޫޓުވުމުން ގައުމު ސަލާމަތް ކުރުން ކަމަށާއި އެކަން މިހާރު ހާސިލުވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ކުރިއަށްދާނީ ރައްޔިތުން ހައްލުކުރަން ބޭނުންވާ ކަންކަން ހައްލުކުރަމުން ހަގީގީ މާނައިގައި ރައްޔިތުންނަށް ތަރައްގީ ގެނެސްދެމުން ކަމަށްވެސް ވިދާޅުވިއެވެ.