ޚަބަރު

ދިއްދޫގެ ބަނދަރާއި ނެރުގެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލައި ހައްލު ހޯދައިދޭނަން: ރައީސް

އދ. ދިއްދޫގެ ބަނދަރާއި ނެރުގެ މަޝްރޫއުގައި ހުރި މައްސަލަތައް ވަރަށް ސީރިއަސްކޮށް ބައްލަވައި، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެހެން ވިދާޅުވީ، ދިއްދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ދަނގެތި ކައުންސިލް އިދާރާގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ރަށުގެ ބަނދަރުގެ މަޝްރޫއުއާއި ނެރު ފައިކަށި މަޝްރޫއު ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވުމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި ދިއްދޫގެ ރަށްގިރުމުގެ މައްސަލައާއި ރަށުގައި ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ރަށުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައްޔިތުން ބޭނުންވާ ގޮތްތައް ތަފުސީލީ ގޮތެއްގައި ހިއްސާކުރި ކަމަށްވެސް ބުންޏެވެ.

ދިއްދޫ ބަނދަރަކީ ދައުލަތުގެ ބަޖެޓުން 21 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2021 ވަނަ އަހަރު ހެދި ބަނދަރެކެވެ. އެ ބަނދަރާއި ނެރުފައިކައްޓާ ގުޅޭ ގޮތުން އާންމުންގެ ކަންބޮޑުވުމަކީ ބަނދަރުގެ ނެރު މިހާރު އޮތް ގޮތުން ގަދަ ދުވަސްވަރުގައި ފަޅުތެރޭގައި އުޅަނދުފަހަރު އަޅާފައި ނުބޭއްވޭ ވަރަށް ފަޅުތެރެ ގަދަވުމެވެ. އޭގެ ސަބަބުން އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ކުރި ވިއްސާރާގައި އެ ރަށު ފަޅުގައި އޮތް ލޯންޗެއް ބަންޑުން ޖަހާލައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެކަމާއި ގުޅިގެން ރަށުގެ އާންމުން އިހުތިޖާޖަށްވެސް ނުކުތެވެ.

ރައީސް މިއަދު ވަނީ އދ. މަންދޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ދަނގެތި ކައުންސިލް އިދާރާގައި ބައްދަލުކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ފާއިތުވެ ދިޔަ އަހަރުތަކުގައި އެކި ސަރުކާރުތަކުން މަންދޫގައި މަޝްރޫއުތައް ހިންގާފައިވާލެއް މަދުކަން ފާހަގަކޮށް މި ސަރުކާޜުގެ ފަރާތުން އެހެންވިޔަ ނުދީ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައީސްގެ އަރިހުގައި އެދުނު ކަމަށެވެ.

އެގޮތުން ރަށުގެ ސްކޫލަށް އިތުރު ކުލާސް ރޫމް ބޭނުންވާ ކަމާއި ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ތަރައްގީކުރަން ބޭނުންވާ ކަމާއި ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރު ތަރައްގީކޮށްދިނުމަށާއި އޭޓީއެމްގެ ހިދުމަތް ލިބެން ބޭނުންވާކަން އަދި ރަށުން މާލެއަށް ފަސޭހައިން ދެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މަންދޫ ކައުންސިލުން އެދުނު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.