ރާއްޖެއިން، ޗައިނާއަށް ކަނޑައެޅުއްވި ސަފީރު ޑރ. ފަޒީލް ނަޖީބް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް، ޝީ ޖިންޕިން އަށް އަރުވައިފި އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގެ ހޯލުގައި އިއްޔެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތުގައި ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަސައްކަތުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ދެއްވި ކަމަށެވެ. ފަޒީލް ވަނީ ރާއްޖޭގެ ރައްޔިތުންގެ ފަރާތުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޝީ ޖިންޕިންއަށާއި ޗައިނާގެ ރައްޔިތުންނަށް ހެޔޮއެދުމާއި ސަލާމް ރައްދު ކުރައްވައިފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއާއި ޗައިނާގެ ސިޔާސީ ގުޅުން ގާއިމުކުރީ 14 އޮކްޓޫބަރު 1972 ގައެވެ. ސަފީރު ފަޒީލްއަކީ ރާއްޖެ އިން ޗައިނާ އަށް ކަނޑައެޅި ފަސްވަނަ ސަފީރެވެ.