ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް، ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސްއަށް އަރުވައިފިއެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސްއަށް އިރުތިޝާމް، ސަފީރުކަމުގެ ފަތްކޮޅު އެރުވީ ބަކިންހަމް ޕެލަސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާ އިރުތިޝާމް ހަވާލުވެވަޑައިގަތުމުން އެ ކަމަނާއަށް ކިންގް ޗާލްސް މަރުހަބާ ވިދާޅުވި ކަމަށާއި އަދި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ރަސްގެފާނު ވިދާޅުވި ކަމަށެވެ.
އިރުތިޝާމް ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އިނގިރޭސިިވިލާތުގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ރާއްޖެ އާއި އިނގިރޭސިވިލާތާ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތަށްފަހު އިނގިރޭސިވިލާތުގައި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އޮންނަ ޑިޕްލޮމެޓިކް އާދަކާދައިގެ މަތިން ހާއްސަ ރިސެޕްޝަނެއް ބޭއްވިއެވެ. "ސެއިންޓް ޖޭމްސް ކޯޓް ލަންޑަން - އަ ތާޖް ހޮޓެލްގައި ބޭއްވި އެ ރިސެޕްޝަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ސާކް އަދި ކޮމަންވެލްތު ގައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓިކް ކޯގެ ޑީން ކަމުގައިވާ ހޮންޑިއޫރަސްގެ ސަފީރު އިވާން ރޮމޭރޯ-މާޓިނޭޒް އާއި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި، ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެ އިތުރުން މޯލްޑިވްސް-ޔޫކޭ ޕާލިމަންޓަރީ ގްރޫޕްގެ ކޯ-ޗެއާ އާއި އިނގިރޭސިވިލާތު ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިންނާއި މީޑިއާގެ ފަރާތްތައް ވެސް ބައިވެރިވިއެވެ.
ސަފީރު އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ ނައިބު އަހުމަދު މުހައްމަދު، ޑިފެންސް އެޓާޝޭ ކާނަލް ހުސެއިން ފައިރޫޝް، ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފް އަދި ތާޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުންޏެވެ.
އިރުތިޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަމާއި ޔޫތު މިނިސްޓަރުކަމުގެ މަގާމު ފުރުއްވައިފައެވެ. އޭގެ އިތުރުން ބައެއް ގައުމުތަކުގެ ސަފީރުކަންވެސް ކުރެއްވިއެވެ.