ބިއުޓީ

ކައިލީގެ ވޯލްނަޓް ސްކްރަބް އަށް ބޮޑެތި ފާޑުކިޔުން

ދުނިޔޭގެ އެންމެ ޒުވާން ބިލިޔަނަރު ކައިލީ ޖެނާ މިވަނީ އަމިއްލަ ސްކިން ކެއާ ލައިނެއް ތައާރަފުކޮށްފައެވެ.

ކައިލީ ސްކިންގެ ނަމުގައި ތައާރަފު ކުރި ޕްރޮޑަކްޓްސް ތަކުގެ ތެރޭގައި ފޭސްވޮޝް، މޮއިސްޗަރައިޒަރު، އައި ކްރީމް، ޓޯނާ އަދި ފޭސް ސްކްރަބް ހިމެނެއެވެ. ކައިލީ ތައާރަފުކުރި މި ހުރިހާ ޕްރޮޑަކްޓްސް ތަކުގެ ތެރެއިން ފޭސް ސްކްރަބަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.

ވޯލްނަޓް ޕައުޑާ ބޭނުންކޮށްގެން ހަދާފައިވާ އެ ސްކްރަބުން ހަންގަނޑު ހަލާކުވާނެ ކަމަށް މީސްމީޑިއާގައި އެތައް ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް ކައިލީ ދަނީ އެ ސްކްރަބުން ލިބޭ ފައިދާ ތަކާއި އޭގެން ހަންގަނޑަށް ގެއްލުން ނުވާނެ ކަން އޭނާގެ ފޭނުންނަށް ޔަގީން ކޮށްދެމުންނެވެ. ކައިލީ ބުނި ގޮތުގައި އެ ސްކްރަބުން ހަމުގައި މަރުވެފައިވާ ސްކިން ސެލްސްތައް ނައްތާލައެވެ. އަދި ހުދު އޭނާވެސް އެ ސްކްރަބް ހަފުތާއަކު ތިން ފަހަރު ބޭނުންކުރާ ކަމަށް އޭނާ ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ވަނީ ބުނެފައެވެ.

މީސް މީޑިއާގައި އެ ސްކްރަބަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ ކިތަންމެ ހިމުންކޮށް ވޯލްނަޓް ފުނޑިކަމުގައިވިޔަސް އޭގެން ހަންގަނޑު އިރައިގެންދާނެ ކަމަށާއި ހާއްސަކޮށް ސެންސެޓިވް ކަމެއް ނުވަތަ ބިހި ނަގާ ހަމެއްނަމަ މި ސްކްރަބަކީ އެއްވެސް ގޮތަކަށް ބޭނުން ކުރުން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށެވެ.

ކައިލިއާ އެއްކޮޅަށް ވަކާލާތު ކުރާ މީހުންވެސް މަދެއްނޫނެވެ. އެގޮތުން ބައެއް މީހުން ބުނަނީ ކައިލީއަށް ދުނިޔޭގައި ތިބި އެންމެ މޮޅެތި ހަމުގެ ޑޮކްޓަރުންގެ ލަފާ ލިބޭނެ ކަމަށެވެ. ނަމަވެސް އެއަށް އަނެއްބަޔަކު ދަނީ އެހުރިހާ ލަފައެއް ލިބެން ހުރި އިރު ކައިލީ އެ ތައާރަފުކުރީ ފޯމިން ފޭސް ވޮޝްއަކާ ވޯލްނަޓް ސްކްރަބެއް ކަމަށް ބުނެއެވެ.

ހަމުގެ ކަންކަމުގައި ބުނަން އޮންނާނީ އެއްވާހަކައެވެ. ތިމާގެ މޫނާ ކިތަންމެ ގުޅޭ އެއްޗެއްވެސް އަނެކާގެ މޫނާ ނުގުޅިދާނެއެވެ. ނުވަތަ ތިމާއަށް ކިތަންމެ ރަނގަޅު ޕްރޮޑަކްޓެއް ނަމަވެސް އަނެކާއަށް އެ ޕްރޮޑަކްޓުން ފައިދާ ނުވެދާނެއެވެ. އެހެންކަމުން ހަމުގައި ބޭނުން ކުރަން އެއްޗެހި ގަންނައިރު އަމިއްލަ ރިސާޗްކޮށް އަމިއްލަ ހަމަށް އޭގެން އެންމެ ފައިދާކުރާނެ އަދި ރަނގަޅުވާނެ ޕްރޮޑަކްޓްސް ހޯދަން މަސައްކަތްކުރުން މުހިއްމެވެ.