ހުޅުމާލޭގައި ރޭ ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ވެހިކަލްތަކަށް ސިނަމާލެ ބްރިޖަށް ނޭރޭ ގޮތަށް ހުޅުމާލެ މަގު ބްލޮކް ކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ޓެކްސީ ޑްރައިވަރުން ރޭ އިހުތިޖާޖަށް ނުކުތީ ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނާ ދެކޮޅު ހެދުމަށެވެ. އެ އިހުތިޖާޖުގެ ތެރެއިން ސިނަމާލެ ބްރިޖަށް ނޭރޭ ގޮތަށް ހުޅުމާލެ މަގު ބްލޮކް ކުރުމުން ހަތަރުފުރޮޅުލީ ވެހިކަލްތަކަށް ބުރިޖަށް ނޭރި، ޓްރެފިކް ބާރުބޮޑުވިއެވެ. ނަމަވެސް އެ މައްސަލަ ހައްލުކޮށް ރޭ ހުރިހާ ޓެކްސީތަކާއި ކާރުތައް ފުލުހުން ޓޯކުރިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ހަތަރުފުރޮޅުލީ 22 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރި ތިން މީހުންނަކީ މއ. ވިރާހު/ މުހައްމަދު ޝާމިން (39އ)، ލ. ދަނބިދޫ/ ސަންރޭ، އަހުމަދު ޝަބީން (33އ) އަދި ހދ. ކުމުންދޫ/ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު (36އ) އެވެ.
ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނުއުމާން ޝަރުތު ކުރުމަށްފަހު ދޫކޮށްލައި، ޝާމިން އާއި ޝަބީން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.