ޚަބަރު

73.3 ޕަސެންޓް މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީއަށް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މި ހިނގައިދިޔަ ދައުރުގެ މަސައްކަތްތަކުގެ ތެރެއިން 73.3 ޕަސެންޓް މަސައްކަތް ނިންމައި ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރު، އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމުމަށްފަހު މިއަދުގެ ފެށިގެން ޗުއްޓީއަށް ހިނގައްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން، މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، މި ދައުރުގައި މަޖިލީހުން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ދައުރުގައި ޖުމުލަ 27 ޖަލްސާ ބާއްވައި، އެ ޖަލްސާތަކުގައި ޖުމުލަ 67 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމިޓީތަކުގެ މަސައްކަތްތަކަށް ބަލައިލާއިރު ކޮމިޓީތަކުގެ ޖުމުލަ 165 ބައްދަލުވުން ބާއްވައި، ކޮމިޓޫޓަކުގެ ބައްދަލުވުންތަކުގި ޖުމްލަ 118 ގަޑިއިރު ހެދަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ދައުރުގައި ޖުމުލަ 20 ބިލާއި، އެއް ގަރާރާއި ސަރުކާރުން ހުށަހެޅި 13 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި ފަސް މައްސަލައާއި ހަތަރު ކުއްލި މައްސަލަ ކުރިއަށް ގެންގޮސްފައިވާ އިރު، ވަޒީރުންނާ 13 ސުވާލެއްކޮށް އެހެނިހެން މައްސަލަަތަކާ ގުޅޭ ހަތް ރިޕޯޓުގެ މަސައްކަތް އެެއްކޮށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ތިބޭފުޅުންގެ ޗުއްޓީގެ ދުވަސްވަރަކީ އަމާން ރައްކާތެރި އުފާވެރި، ހިތްގައިމު ޗުއްޓީއަކަށް ވެގެންދިއުމަށް އެދެން، ޗުއްޓީ ނިންމައި އެނބުރި މަޖިލީހުގެ މަސައްކަތަށް ވަޑައިގަނަވާއިރު ހުރިހާ މެންބަރުންވެސް އާ ވިސްނުންތަކާއި އާ ހިޔާލުތަކާއެކު ތާޒާކަމާއެކީ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން އުފެއްދުންތެރި ބިނާކުރަނިވި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގެ އުއްމީދުގައި ޖަލްސާ ނިންމާލަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.