މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ ދެ މަގާމަށް ދެ ބޭފުޅުން އައްޔަންކުރުމަށް 12 ބޭފުޅެއްގެ ނަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ބްރޯޑްކޮމްގެ ދެ މެންބަރުންގެ މަގާމު ހުސްވެފައިވަނީ، އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނެވި، މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފްގެ މެންބަރުކަމުގެ މުއްދަތު މިމަހުގެ ފަހަކަށް ހަމަވެފައިވާތީއެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ލިސްޓު ފޮނުއްވާފައިވަނީ ކޮމިޝަންގެ މެންބަރުކަމަށް ބޭފުޅުން އައްޔަންކުރަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ތަރުތީބުން ކަމަށެވެ.
އެހެންކަމުން އެ ދެބޭފުޅުންގެ ނަން މަޖިލީހުގެ ފާސްކޮށްދެއްވުމަށް ރައީސް ވަނީ އެމަނިކުފާނުގެ ސިޓީފުޅުގައި އެދިވަޑައިގެންފައެވެ.
މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ އަމީން އާއްމު އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.