ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން ގިޔާސުއްދީންގެ ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފި

މުހައްމަދު އިޝާން

ހައުސިން މިނިސްޓްރީގެ ހިންގާ އިމާރާތުގައި އަލިފާން ރޯވެ އަނދަމުންދާތީއާއި އެ ސަރަހައްދަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާތީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފިއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެންމެ ފުރަތަމަ ރޯވެފައި ވަނީ މި އިމާރާތުގެ އެންމެ ހުޅަނގަށް ހުންނަ، ޓިނު އިމާރާތުގެ އެއްވަނަ ބުރީގައެވެ. އަލިފާން ރޯވިއިރު، އިމާރާތުގެ އެތެރޭގައި މީހަކު ނެތް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ގިޔާސުއްދީން ސްކޫލުން ވަނީ ކިޔެވުން މެދުކަނޑާލައިފައިވާކަން ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަންގައިފައެވެ.

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވަޑައިގެންފައެވެ.

ފުލުހުން ދާދި ދެންމެ ބުނީ، އެ އިމާރާތުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި އެ ސަރަހައްދު އާންމު ޓްރެފިކަށް ވެސް ބަންދުކުރެވިފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އަހުމަދު މަސައްކަތް ކުރައްވަނީ ރޯވެ އަނދަމުންދާ އިމާރާތުގަ އެވެ. މިނިސްޓަރު ހައިދަރު މަސައްކަތް ކުރައްވަނީ މި އިމާރާތުގެ ދެވަނަ ބުރީގައެވެ.

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީގެ އައިޓީ ސެކްޝަން ވެސް ހުންނަނީ މި އިމާރާތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހައުސިން މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ފުށުން މައުލޫމާތު ލިބުނު ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ 6:30 ނުވަތަ 6:45 ހާއިރުއެވެ.