ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ވޯލްޑްކަޕް ބިޑް ކާމިޔާބުކުރުމުން ސައުދީއަށް ރައީސްގެ މަރުހަބާ، އަރަބި ދުނިޔެއަށް ލިބު ފަހުރެއްކަމަށް ވިދާޅުވި

ސައުދީ އަރަބިއާއިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ކޮށްފައިވާ ބިޑު ކާމިޔާބުވިކަން ރޭ ރަސްމީކޮށް އިއުލާނުކުރުމާއެކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.

ސައުދީގެ ވޯލްޑް ކަޕް ބިޑް ކާމިޔާބުވިކަން ފީފާއިން އިއުލާނުކުރީ ރޭ ބޭއްވި އޮންލައިން، ހާއްސަ ކޮންގްރެސްއަށްފަހުއެވެ. ފީފާއިން ރޭ ވަނީ ސައުދީ ބިޑްގެ އިތުރުން ސްޕެއިނާއި މޮރޮކޯ އަދި ޕޯޗުގަލްގައި 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ބިޑްވެސް ކާމިޔާބުވި ކަމަށް ރަސްމީކޮށް އިއުލާނުކޮށްފައެވެ.

އޭގެ ތެރެއިން ސައުދީ ބިޑަށް މަރުހަބާ ދަންނަވައި، ރައީސް ޑރ. މުއިއްޒު "އެކްސް"ގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯލްޑް ކަޕް ބާއްވަން ހޯދި ފުރުސަތަށް ސައުދީގެ ވަލީ އަހުދު ކިންގް ސަލްމާން ބިން އަބްދުލްއަޒީޒާއި، ކްރައުން ޕްރިންސް އަދި ޕްރައިމް މިނިސްޓަރު މުހައްމަދު ބިން ސަލްމާންގެ އިތުރުން ސައުދީ ސަރުކާރާއި ރައްޔިތުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ސައުދީން ވޯލްޑް ކަޕް ބާއްވަން ފުރުސަތު ހޯދުމުން ދޭހަކޮށްދެނީ ބައިނަލްއަގުވާމީ މައިދާނުގައި އެގައުމުން ހޯދަމުން އަންނަ ކުރިއެރުން ކަމާއި އެ ގައުމުގެ ނަމޫނާ ލީޑާޝިޕް އަދި ބުރަ މަސައްކަތް ކަމަށެވެ. ސައުދީއަށް ވޯލްޑް ކަޕް ބިޑް ކާމިޔާބުކުރެވުމަކީ އަރަބި ދުނިޔެއަށް ލިބުނު ބޮޑު ފަހުރެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވީ ސައުދީ ވޯލްޑް ކަޕަކީ އުފެއްދުންތެރިކަމުގެ އިންގިލާބެއް ގެނުވާނެ، އެކުވެރިކަމާއި ސަގާފަތް ދައްކުވައިދޭނެ އިވެންޓަކަށް ވެގެންދާނެކަން ޔަގީންކުރައްވާ ކަމަށެވެ.