ޚަބަރު

އޯޑިނަރީ ޕާސްޕޯޓް އޮންނަ ދިވެހިންނަށްވެސް އޮމާނުން ވިސާ އިސްތިސްނާ ކުރަނީ

އޯޑިނަރީ ޕާސްޕޯޓް އޮންނަ ދިވެހިންނަށްވެސް ވިސާ އިސްތިސްނާކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމުގެ ޔަގީންކަން އެ ގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީއާ ދެއްވާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އޮމާންގެ ފޮރިން މިނިސްޓަރު އެ ޔަގީންކަން ދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް އޮމާންއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުމުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އޮމާންގެ ފޮރިން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަހުވަންތަކަމުގެ ގުޅުމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.

އެގޮތުން ވިޔަފާރިއާއި ފަތުރުވެރިކަމާއި ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި އަދި ބައިނަލްއަގުވާމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރި ކަމަށްވެސް ބުންޏެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖެއާއި އޮމާންއާ ދެމެދު ސިޔާސީ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން އަވަސް ފުރުސަތެއްގައި ބޭއްވުމަށްވެސް ދެ ވަޒީރުން ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމަށްފަހު ރާއްޖެއާއި އޮމާންއާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރި ކަމަށްވެސް ބުންޏެވެ.

އެ ދެ އެއްބަސްވުމަކީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންއާއި ޑިޕްލޮމެޓިކްއާއި ސްޕެޝަލް، ސާވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަންއާބެހޭ އެއްބަސްވުމެކެވެ.

ދުރާލާ ވިސާ ނުނަގާ ދިވެހިންނަށް ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓަށް އޮމާން އިތުރުކުރިކަން، ފޮރިން މިނިސްޓްރީން ހާމަކުރީ 30 މާޗު 2023ގައެވެ. ނަމަވެސް ދިވެހިންނަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވެނީ ހާއްސަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ.

އޭގެ ތެރޭގައި އިނގިރޭސި ވިލާތް، އެމެރިކާ، ޝެންގަން ގައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ގައުމެއްގެ ރަށްވެހިކަން އޮތުން އަދި ހޮޓެލް ބުކިން، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝުއަރެންސް އޮތުން ހިމެނެއެވެ.