ޚަބަރު

ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށާތީ، އެކަމާ ދެކޮޅަށް ޑްރައިވަރުން އިހުތިޖާޖުކޮށްފި

މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭން ސަރުކާރުން ޓެކްސީ ލައިނެއް ފަށަން ނިންމާފައިވާތީ، އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކޮށްފިއެވެ.

ސަރުކާރުގެ ޓެކްސީ ލައިނާ ދެކޮޅަށް ޓެކްސީ ޑްރައިވަރުންގެ ސުލްހަވެރި އިހުތިޖާޖު ކުރިއަށްގެންގޮސްފައިވަނީ މިއަދު ހަވީރު ހުޅުމާލޭގައެވެ. އެ އިހުތިޖާޖުގައި މިވަގުތު ޓެކްސީގެ ހިދުމަތްދެމުން އަންނަ ބައެއް ޑްރައިވަރުން ވަނީ ބައިވެރިވެފައެވެ.

އެ އިހުތިޖާޖުގައި ބައިވެރިވި ޓެކްސީ ޑްރައިވަރުން ބުނީ، ސަރުކާރަށް ކަންބޮޑުވުންތައް ހިއްސާކުރި ނަމަވެސް، އެ ކަންބޮޑުވުންތައް އަޑުއަހާފައި ނުވާ ކަމަށާއި އެ އިހުތިޖާޖަކީ ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން ކުރިއަށްގެންދާ އިހުތިޖާޖެއް ކަމަށެވެ. އަދި ސަރުކާރުން ޓެކްސީ ލައިން ފެށުމުން، މިހާރު ޓެކްސީގެ ހިދުމަތްްދެމުން އަންނަ ޑްރައިވަރުންނަށް އެ ފުރުސަތު ގެއްލިގެންދާނެ ކަމަށް ވެސް ބުންޏެވެ.

"ސަރުކާރުން ވަކި ބަޔަކަށް މަންފާ ހޯދުމަށްޓަކައި ވަކި މަގުސަދެއްގައި ކުރާ ކަންތައްތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން. އެހެންވީމާ އިހުތިޖާޖަކީ ސަރުކާރުން ބަލައިގަނެފައިނުވާ ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް އިއްވުމަށް ކުރިއަށްގެންދިޔަ އިހުތިޖާޖެއް،" އިހުތިޖާޖުގައި ބައިވެރިވި ޑްރައިވަރަކު "ވަން" އަށް މައުލޫމާތުދެމުން ބުންޏެވެ.

ޑްރައިވަރުންގެ އެސޯސިއޭޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ހަބީބު ވިދާޅުވެފައިވަނީ ސަރުކާރުން ޓެކްސީ ލައިން ހެދުމާއެކު ކުރިމަތިވާނެ ގޮންޖެހުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް، އެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައިނުވާތީ އިހުތިޖާޖަށް ނުކުންނަން ޑްރައިވަރުން ނިންމާފައިވާ ކަމަށެވެ. އަދި ކަންބޮޑުވުންތަކަށް އެދެވޭ ޖަވާބެއް ލިބެންދެން އިހުތިޖާޖުތައް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޑްރައިވާސް އެސޯސިއޭޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އިގުތިސާދީ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން، މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭން ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށާއި އެމްޓީސީސީއަކީ އެ މަސައްކަތްކުރުމަށް ރަނގަޅު ކުންފުންޏެއް ކަމަށެވެ.

ޓެކްސީ ލައިން ހިދުމަތް ކުރިއަށްގެންދަން ނިންމާފައިވަނީ، އެމްޓީސީސީން ހިންގާ އާރުޓީއެލް ބަސް ކޮންސެޕްޓަށް ކަމަށާއި ނަމަވެސް އެއީ ސަބްސިޑީ ނުދީ، އެކަމަކު ކެޕިޓަލް އިންވެސްޓްމަންޓް ސަރުކާރުން ދޭގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ ޓެކްސީ ލައިންގެ 50 ޕަސެންޓް މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުން ކަމަށާއި އަނެއް 50 ޕަސެންޓް ސްލޮޓް ދޫކުރާނީ ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ދުއްވޭގޮތަށް ކަމަށެވެ. އަދި ޑްރައިވަރުންނަށް ގަޑިއިރަކަށް ދޭ އަގު 100 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް، ކޮންމެ ހަތް ދުވަހަކުން މުސާރަ ދޭ ގޮތަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޓެކްސީ ލައިނެއް ތައާރަފުކުރަން "މާލެ ފަހި ޕްރޮގްރާމް" ގެ ނަމުގައި ފަށާ ފްރޮގްރާމު ހުއްޓުވައިދިނުމަށް ވެސް ޑްރައިވާސް އެސޯސިއޭޝަނުން ވަނީ މިދިޔަ އޮކްޓޯބަރު މަހު ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ.