އުރީދޫ މޯލްޑިވްސް އިން "ސްޕާ ސިލޯން" އާއެކު ޕާޓްނާޝިޕް ހަދައިފިއެވެ.
ސްރީލަންކާގެ މަޝްހޫރު ސްޕާ ސިލޯން އަކީ ބައިނަލްއަގުވާމީ ފެންވަރުގައި އަޔުރްވެޑިކް ބްރޭންޑް ވިއްކާ ކުންފުންޏެކެވެ.
އުރީދޫގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މި ޕާޓްނާޝިޕްގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޓެލެކޮމް ހިދުމަތުން ބޭރުން، ތަފާތު ތަޖުރިބާއެއް ހޯދައިދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޓެލެކޮމް ހިދުމަތުގެ ބޭރުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބެނެފިޓްސް ލިބޭނެގޮތަށް ހޯދުމަށް. ހާއްސަކޮށް ބޮޑެތި ބްރޭންޑުތަކާ އެކީގައި، ރާއްޖެއަށް އަންނަ އިންޓަނޭޝަނަލް ބްރޭންޑުތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭން. ޑިސްކައުންޓާ އެކީގައި،" ނިޔާޒް ވިދާޅުވިއެވެ.
އެ ޕްރޮޑަކްޓުގެ ތަކެތި މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ފަސޭހަކަމާއެކު ލިބޭނެ ކަމަށާއި ކްލަބް ޕްރިމިއާ ކަސްޓަމްރުންނަށް ސްޕާ ސިލޯނުން ހާއްސަ އޮފާތައް ލިބޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
އޭގެ އިތުރުން އަންނަ އަހަރުވެސް ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އިތުރު ހިދުމަތްތައް ލިބިގެންދާނެ ކަމަށާއި "ގޯޕްލޭ މާކެޓް" ޑައުންލޯޑުކޮށްގެން އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް 1000 ރުފިޔާގެ ގިފްޓް ވައުޗަރެއް ސްޕާ ސިލޯނުން ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.
ސްޕާ ސިލޯނުން ލިބެންހުރި ބައެއް ތަކެތީގެ ތެރެއިން ގިފްޓް މިކްސް ޕެކްގެ އަގަކީ 500 ރުފިޔާއެވެ. އޭގެ ތެރޭގައި ދިވެހިންގެ ހަންގަނޑާ ގުޅޭ ފޭސް ޕެކް، ލޯޝަން، ސައިބޯނި، ކޮޓަރިތެރޭގައި ހުންނަ ވަސްކަނޑުވާލަދޭ ސްޕްރޭ، ފޭސް ސިރަމް ފަދަ ތަކެތި ލިބެން ހުރެއެވެ. ސްޕާ ސިލޯން ހުންނަނީ މާލެ ފަރީދީމަގުގައެވެ.