ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އެޓަލާންޓާ ބަލިކޮށްފިއެވެ.
ރެއާލުން ރޭ ރަށުން ބޭރުގައި އެޓަލާންޓާ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު އެޓީމަށް ވަނީ ޗެމްޕިއަންސް ލީގުގައި ހަމަޖެހުމެއް ލިބިފައެވެ. އެޓީމުން މިވަގުތު ލީގު ތާވަލުގެ 18 ވަނައިގައި އޮތީ ހަ މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. 15 ވަނައިން ފެށިގެން 19 ވަނަ އަށް އޮތް ޓީމުތަކަށް އެ އަދަދަށް ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުތަކުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެވެ.
ޗެމްޕިއަން ރެއާލަށް މިސީޒަނުގެ މިހާތަނަށް އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، ރޭ ލީޑު ނެގީ އެޓީމުންނެވެ. އެއީ 10 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭއަށް ލިބުނު ބޯޅައިގައި ޑިފެންޑަރު ނައްޓާލާފައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.
އެއީ ރެއާލާ ގުޅުނުފަހުން އޭނާ ކާމިޔާބު ކުރި 12 ވަނަ ގޯލެވެ. އެމްބާޕޭ މިހާތަނަށް ޗެމްޕިއަންސް ލީގުގައި 50 ގޯލު ޖަހާފައިވާ އިރު، ރެއާލަށް ރޭ ކުރިމަތިވި ހަމައެކަނި މާޔޫސްކަމަކީ ހާފު ނިމެން ދަނިކޮށް އެމްބާޕޭއަށް އަނިޔާވެ ބާލަން ޖެހުމެވެ. މިހާތަނަށް މި ސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތަކަކާ ކުރިމަތިވެފައިވާ ރެއާލަށް އިތުރު އަނިޔާއެއް ކުރިމަތިވި އިރު އެމްބާޕޭގެ ބަދަލުގައި ކުޅެން ނުކުތީ ރޮޑްރީގޯއެވެ. އޭނާވެސް އެނބުރި އައީ އަނިޔާއަކުން ރަނގަޅުވެގެންނެވެ.
ހާފުގެ ފަހު މިނެޓުގައި އެޓަލާންޓާއިން މެޗު އެއްވަރުވެސް ކުރިއެވެ. އެއީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ޗާލްސް ޑި ކެޓެލެއާ ކާމިޔާބު ކުރި ގޯލެކެވެ.
ދެވަނަ ހާފު ފެށިގެން ވެސް މާ ގިނައިރެއް ނުވެ ރެއާލުން ގޯލު ޖެހިއެވެ. އެއީ ވިނީޝިއަސް ޖޫނިއާ ޖެހި ގޯލެކެވެ. އަދި އޭގެފަހުން މެޗު ރަނގަޅަށް ޑޮމިނޭޓް ކުރަމުން ގޮސް، ޖޫޑް ބެލިންހަމް ޖެހި ގޯލުން ރެއާލްގެ ލީޑު އިތުރަށް ފުޅާ ކުރިއެވެ.
އެޓަލާންޓާއިން މެޗަށް އަބުރާވަނުމަށް ކުރި މަސައްކަތުގައި އަޑެމޯލާ ލުކްމަން ޖެހި ގޯލުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، އެޓީމަށް ޕޮއިންޓެއް ހޯދޭނެ ގޮތެއް ނުވިއެވެ.