އިބްރާހިމް ޒަކީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރޮޓީ (މީރާ) ގެ ބޯޑަށް މެންބަރަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ބޭފުޅުންނާ ބެހޭގޮތުން އާއްމުންގެ ޝަކުވާއެއް އޮތް ނަމަވެސް އެ ޝަކުވާ ހުށަހަޅަން ހުޅުވައިލި މުއްދަތު މިރޭ 6:00 އަށް ކުރުކޮށްފިއެވެ.
މީރާގެ ބޯޑަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި އެކަމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ލިސްޓެއް، ރައީސް ޑރ. މުއިއްޒު އިސްކަންދެއްވާ ތަރުތީބުން ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ނަންތައް އިއުލާން ކުރެއްވުމަށްފަހު އިތުރަށް ދިރާސާކޮށް، އޭގެ ތެރެއިން މީރާގެ ބޯޑަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައެޅުމަށް އެ މައްސަލަ ވަނީ އިގުތިސޯދީ ކޮމިޓީއަށް ފޮނުވައިފައެވެ.
އެކަމާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ލިސްޓްގައި ހިމެނޭ ބޭފުޅުންނާ ބެހޭގޮތުން އާއްމުންގެ ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ކޮމިޓީއަށާއި މަޖިލީހުގެ އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލިއެވެ. އެއީ މާދަމާގެ 12:00ގެ ނިޔަލަށެވެ.
ނަމަވެސް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވީ، މިހާރުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްދަނީ ޗުއްޓީ ދުވަސްތަކުގެ ތެރެއިން ދައުރުން ބޭރުން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް އަވަސް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި މީރާގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް މީގެކުރިން ކޮމިޓީން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ފެނޭތޯ މެންބަރުންގެ ކިބައިން އެއްސެވިއެވެ.
ކޮމިޓީއަށް ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ބޭފުޅުންނާ ބެހޭ ގޮތުން އާއްމުންގެ ޝަކުވާއެއް އޮތްނަމަ، ހުށަހެޅުމަށް އޮތް މުއްދަތު މިރޭ 6:00 އާ ހަމައަށް ކުރުކުރަން ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ހުށަހެޅުއްވިއެވެ. ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.
އެހުށަހެޅުން ފާސްވުމުން ކޮމިޓީ މުގައްރިރު ވިދާޅުވީ، ލިސްޓްގައި ހިމެނޭ ބޭފުޅުންނާ ކޮމިޓީން އިންޓަވިއު ކުރުމަށް މިރޭ އަށެއް ޖަހާއިރު ކޮމިޓީ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.