ޚަބަރު

އަރުހަމްގެ މަރު: 12 އަހަރު ފަހުން ޝަރީއަތް އަލުން ފަށައިފި

މުހައްމަދު އިޝާން

ލޮރެންޒޯ ޕާކު ތެރެއިގައި 2012 ވަނަ އަހަރުގެ ތެރެއިގައި މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރުގެ މައްސަލައިގެ ޝަރީއަތް 12 އަހަރު ފަހުން އަލުން ކުރިމިނަލް ކޯޓުގައި ފަށައިފިއެވެ.

އަރުހަމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ލ. މާވަށް، އަސަރީގޭ، މަންސޫރު ޔޫސުފް، ލ. މާވަށް، އެވާބުލޫ، މުހައްމަދު ވިސާމް، މާލެ. މއ. ސީނަރީވިޔު، އާތިފް ރަޝީދު އަދި ގދ. ގައްދޫ، ގުންޒަރު، މުހައްމަދު ސުފުޔާނަށެވެ.

އޭގެ ތެރެއިން ކުށް ސާބިތުވެފައިވަނީ މުހައްމަދު ވިސާމްގެ މައްޗަށް އެކަންޏެވެ. ކުރިމިނަލް ކޯޓުން ވަނީ މުހައްމަދު ވިސާމްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައެވެ.

މަންސޫރު ޔޫސުފް، އާތިފު ރަޝީދު އަދި މުހައްމަދު ސުފުޔާނުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވާތީ، އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައި ކޯޓުން އެ މައްސަލައި ނިންމީ ކުރިމިނަލް ކޯޓުން އަލުން މައްސަލަ ބެލުމަށެވެ. ހައި ކޯޓުގެ އެ ހުކުމާ ގުޅިގެން ދައުލަތުން އެ ތިން މީހުންގެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅައިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ. މިއަދު އަޑުއެހުމުގައި އޮތީ މައްސަލައިގެ ޝަރީއަތް ކުރިއަށްދާނެ ގޮތް ސާފުކުރުމާއި މި މައްސަލައިގައި ދައުވާ ލިބޭ މީހުން މިހާރު ދިރިއުޅެމުންދާ އެޑްރެސް ސާފުކުރުމުގެ ކަންކަމެވެ.

އަޑުއެހުމަށް އާތިފު ރަޝީދު ހާޒިރުވި ނަމަވެސް ދައުވާ ލިބޭ އަނެއް ދެ މީހުން ހާޒިރުވެފައެއް ނުވެއެވެ. މުހައްމަދު ސުފްޔާން އަޑުއެހުމަށް ހާޒިރުނުވީ ބަލިކޮށް އުޅޭތީ ކަމަށް އޭނާގެ ފަރާތުން ވަނީ ކޯޓަށް އަންގައިފައެވެ. މަންސޫރު ޔޫސުފް މިވަގުތު ދިރިއުޅެމުންދަނީ ރަށުގައި ކަމަށްވުމުން އޮންލައިންކޮށް ހާޒިރުކުރަން މަސަައްކަތް ކުރި ނަމަވެސް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުގެ ސަބަބުން އޭނާ ހާޒިރުކުރެވިފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް ޒިހުނީ ވަނީ އާތިފް ރަޝީދަށް، ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދީފައެވެ. އަދި ދައުވާ ލިބޭ އަނެއް ދެ މީހުންނަށް ވެސް އެ ފުރުސަތު ދީފައިވާކަން އިދާރީ ގޮތުން އެންގުމަށް ގާޒީ ވަނީ އަންގަވައިފައެވެ.