ޚަބަރު

އުރީދޫން ހައްޖު ކޯޕަރޭޝަންގެ ޒަމާނީ ކޮންޓެކްޓް ސެންޓާ ސޮލިއުޝަން ގާއިމުކޮށްފި

ފާތިމަތު ލިޔުޝާ

އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޒަމާނީ ކޮންޓެކްޓް ސެންޓާ ސޮލިއުޝަން ކާމިޔާބުކަމާ އެކު ގާއިމްކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ އެ އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހައްޖާޖީންނަށް މެދުނުކެނޑި މުއާމަލާތް ކުރުމާއި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

އުރީދޫގެ ޓަޔާ ތިނެއްގެ ޑޭޓާ ސެންޓަރުގެ ބޭނުން ހިފައި، ކޮންޓެކްޓް ސެންޓާ ސޮލިއުޝަނުން، ޕީކް ސީޒަންތަކުގައި ކޯލް ވޮލިއުމް މަތިވެ، އައިޓީ ވަސީލަތްތައް މަދުވެ، ދުވަސްވީ ޕީބީއެކްސް ސިސްޓަމްތައް ފަދަ ހައްޖު ކޯޕަރޭޝަނަށް ދިމާވެފައިވާ އޮޕަރޭޝަނަލް މުހިންމު ގޮންޖެހުންތަކަށް ހައްލުތައް ހޯދައިދޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެޑްވާންސް ކޮންޓެކްޓް ސެންޓަރުގެ ފީޗާތަކުގެ ތެރޭގައި ކޯލް ކިއުކުރުމާއި ސްކިލް ބޭސްޑް ރޫޓިން އާއި ރިއަލް ޓައިމް މޮނިޓަރިން އަދި ކޯލް ރެކޯޑިންގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ކަސްޓަމަރުންގެ އިންކުއަރީތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، ހިދުމަތުގެ ފެންވަރު ރަނގަޅު ގޮތުގައި ހިފެހެއްޓުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

އޭގެ އިތުރުން ކްލައުޑް-ހޯސްޓްޑް އާކިޓެކްޗާއަކީ އެންޓަޕްރައިޒް ގްރޭޑް ސެކިއުރިޓީ، މެކްސިމަމް އަޕްޓައިމް އަދި ސެންޓްރަލައިޒްޑް މެނޭޖްމަންޓް ކަށަވަރުކޮށްދޭ އާކިޓެކްޗާއެއް ކަމަށާއި ސްކޭލެބިލިޓީ ނުވަތަ ކުރިއަށް އޮތްތަނުގައި އެ އޮޕަރޭޝަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކަށް ވިސްނައިގެން ފަރުމާކޮށްފައިވާ އެ ސިސްޓަމަކީ ސީއާރްއެމް ޕްލެޓްފޯމްތަކާ އެކު މުސްތަގުބަލުގައި އިންޓާގްރޭޓްކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އާއި އޮޕަރޭޝަނަލް އެފިޝިއެންސީ އިތުރުކުރުމަށް ވެސް ތައްޔާރުވެފައިވާ ސިސްޓަމެއް ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ހާލިދު ހަމާދީ ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދާ ފަރާތްތަކަށް ފުރިހަމަ ގޮތުގައި ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އެފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ދެނެގަނެ، ރިލަބިލިޓީ އާއި ސްކެލެބިލިޓީ ކަށަވަރުކޮށް، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ގާބިލުކަން އިތުރަށް ހަރުދަނާކޮށް، މުސްތަގުބަލުގައި ތައްޔާރުކުރެވިފައިވާ ކޮންޓެކްޓް ސެންޓާ ސޮލިއުޝަނެއް އަޅުގަނޑުމެން ފޯރުކޮށްދިނީ. މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫއިން ދައްކުވައިދެނީ ޓްރާންސްފޯމޭޝަން ގެނައުމަށް މަގުފަހިކޮށްދޭ އީޖާދީ ސޮލިއުޝަންތަކާ އެކު ރާއްޖޭގެ މުއައްސަސާތައް ބާރުވެރިކުރުވުމަށް އުރީދޫއިން ކުރާ މަސައްކަތް،" އޭނާ ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވީ އެ ކޮންޓެކްޓް ސެންޓާ ސޮލިއުޝަން ގެނައުމަކީ ހައްޖުވެރިންނަށް މެދުނުކެނޑި، ހަރުދަނާ އަދި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.