ޚަބަރު

އަންނަ މަހު ފަށާ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާއަށް

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއަށް ގެންނަ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް އަންނަ މަހު ޗައިނާގެ ސަރަހައްދުތަކަށް ކުރުމަށް ނިންމައިފިއެވެ.

ރާއްޖޭން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މޯލްޑިވިއަން އިން ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން އެހީތެރިވަނީ ސަރުކާރުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ފައިސާ، ފިނޭންސް މިނިސްޓްރީގެ ތެރެއިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހަމަޖައްސައިދިނުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.

އެއާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މޯލްޑިވިއަން އިން ވަނީ އެއާބަސް އޭ330-200ގެ މަތިންދާބޯޓެއް ކުއްޔަށް ހޯދަން އިއުލާންކޮށްފައެވެ. އެއީ 406 ސީޓު ހަރުކުރެވޭ، އަދި 7،250 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އެ ބޯޓު ކުއްޔަށް ނަގަން ނިންމާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

އަންނަ މަހު ފަށާ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ސީދާ ދަތުރުތައް ޗައިނާގެ ސަރަހައްދުތަކަށް ކުރާކަން މޯލްޑިވިއަން އިން އިއުލާންކޮށްފައިވަނީ ޗައިނާގެ ބެއިޖިންގައި ބޭއްވި ހަފުލާއެއްގައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި މޯލްޑިވިއަންގެ އިސްވެރިން އަދި ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބައިވެރިވި އެ ހަފުލާގައި މޯލްޑިވިއަން އިން އިއުލާންކޮށްފައިވަނީ ރާއްޖެއިން ޗައިނާގެ ބެއިޖިން، ޝަންހާއީ، ޗަންގްޑޫ އަދި ޝިއާންއަށް އަންނަ މަހު ސީދާ ދަތުރުތައް ކުރުމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވައިޑް-ބޮޑީ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯރުކޮށްދެއްވި އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށާއި މޯލްޑިވިއަން އިން ޗައިނާއަށް ދަތުރުތައް ފެށުމަކީ ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ.

މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިދިޔަ މަހު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީގައި މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސް އުދުހެން ފަށާނެ ކަމަށެވެ.

"އެކަން ފުޅާކުރެވިގެން ގޮސް އަންނަ އަހަރުގެ ތެރޭގައި ޗައިނާއާއި ޔޫރަޕްގެ ޑެސްޓިނޭޝަންތަކަށް އަޅުގަނޑުމެންގެ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް ދަތުރުކުރާނެ،" ރައީސް ވިދާޅުވެފައިވެއެވެ.

މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކުގައި ކުރިން ބޭންކުރަމުން އައީ އެއާބަސް އޭ321 އަދި އެއާބަސް އޭ320 ގެ ދެ ބޯޓެވެ. އޭގެ ތެރެއިން އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، މޯލްޑިވިއަން އިން ވަނީ އެ ބޯޓު ދޫކޮށްލައިފައެވެ.

މޯލްޑިވިއަން އިން މީގެ ކުރިން ޗައިނާއަށް ދަތުރުތައް ފެށި ނަމަވެސް، އެ ދަތުރުތަކަށް ވަނީ މެދުކެނޑުމެއް އައިސްފައެވެ.