ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުއްގައި އޮމާނަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ ދަތުރަކީ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީގެ ދައުވަތަކަށް، މި މަހުގެ 10 އިން 13 އަށް އޮމާނަށް ކުރައްވާ ދަތުރެއް ކަމަށެވެ.
އެ ދަތުރުގައި ހަލީލް، އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީއާ ބައްދަލުކުރައްވައި، ރާއްޖެއާއި އޮމާންއާ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި ދެ ގައުމުގެ މެދުގައި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާ ހަލީލު ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ހަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ފާތިމަތު ނައީމާ އަދި އެސިސްޓަންޓް ޑިރެކްޓާ މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.