ޑްރަގް ވިއްކައި މަނީލޯންޑާ ކުރަމުންދިޔަ ބޮޑު ނެޓްވޯކެއް ފުވައްމުލަކު ސިޓީން އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ނެޓްވޯކް އަތުލައިގަތީ "އޮޕަރޭޝަން ވެށި ރައްކަލް" ނަމުގައި މި އަހަރުގެ ޖެނުއަރީ މަހު ފުވައްމުލަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގަމުން އަންނަ ބޮޑު އޮޕަރޭޝަންގައި ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 4،048 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރެއިން 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގުކޮށް، 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އޮޕަރޭޝަންގެ ތެރެއިން، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކޮށް، މަނީލޯންޑާ ކުރާ ކަމުގެ ތުހުމަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.
އެއީ އެ ރަށު، ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، (34އ)، އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، (29) ކަމަށާއި އެ ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ނިއުޝާދުގެ ބޭންކު އެކައުންޓުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އަދި އާޒިމްގެ ބޭންކު އެކައުންޓު މެދުވެރިކޮށްގެން ދެ އަހަރުގެ ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 21 މީހަކު ހައްޔަރުކޮށް ދެ ކުންފުންޏެއްގެ ބޭންކް އެކައުންޓު ހިފަހައްޓައި އެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ