އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް، އެ މަގާމުން ސަސްޕެންޑްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މެޖިސްޓްރޭޓް މުއާވިޔަތު ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ މަހުގެ 27 ގައި ކަމަށެވެ. އެއީ އޭނާއާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށް ޖޭއެސްސީން ބުންޏެވެ.
މެޖިސްޓްރޭޓް މުއާވިޔަތު ސަސްޕެންޑްކުރަން ނިންމީ ތަހުގީގަށް ހުށަހެޅިފައިވާ ހެއްކަށާއި، އެ ފަނޑިޔާރު މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހުގީގުކުރުމަށް އެޅިދާނެ ހުރަހަކަށާއި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް މައްސަލަ ނިމެންދެން ކަމަށް ޖޭއެސްސީން ބުންޏެވެ.
ނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ޖޭއެސްސީން ނުބުނެއެވެ.
މެޖިސްޓްރޭޓް މުއާވިޔަތު ބަދަލުގައި މެޖިސްޓްރޭޓް ކޯޓު ހިންގަން ހަވާލުވިކުރި ފަރާތާ ގުޅޭ މައުލޫމާތެއް ވެސް ޖޭއެސްސީން ހާމައެއްނުކުރެއެވެ.