ޚަބަރު

މަސްވެރިން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ގައުމީ ވާޖިބެއް: ރައީސް

މުހައްމަދު އިޝާން

މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެއްޖެއެވެ.

މިއަދު ފާހަގަކުރާ ގައުމީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިންނަކީ އަތްވާއި، ވާރެއާއި ވަކިވަގުތަކަށް ނުބަލައި ރޭގަނޑާއި ދުވާލު ބިޔަ ކަނޑުތަކުގައި މަސައްކަތްކުރާ ބައެއް ކަމަށެވެ.

"ދިވެހި މަސްވެރިން ކުރާ ހިންމަތުގެ އަގު އިހުތިރާމާއެކު ވަޒަން ކުރުމަކީ ގައުމީ ވާޖިބެކެވެ." ރައީސް ވިދާޅުވިއެވެ.

ދިވެހި މަސްވެރިންގެ ދުވަސް މިއަދު ފާހަގަކުރާއިރު މަސްވެރިކަމުގެ ދާއިރާއަށް ރައީސް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދު މިހާރު ފުއްދައިފައިވާ ކަމަށް އެ މަނިކުފާނު ވަނީ އިއްޔެ ވިދާޅުވެފައިއެވެ.

ރައީސް ކ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ އަތޮޅު ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސޯދަށް މަސްވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް މުހިންމު ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ. އެ ވައުދު ފުއްދުމަށް ގޮންޖެހުންތަކެއް ދިމާވި ނަމަވެސް މިހާރު ވަނީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވައިފައި ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

"ވަރަށް ގިނަ ދުވަހުގެ މަސައްކަތުން އިއްޔެ ވާނީ ވަރަށް މުހިންމު އެރޭންޖުމެންޓެއް ހަދާފަ، އެގްރީމެންޓެއް ހަދާފަ. އެއީ ފިނޭންސް މިނިސްޓްރީއާއި މިފްކޯއާއި ބޭންކް އޮފް މޯލްޑިވްސްއާ ތިންބައިމީހުންގެ އެގްރީމެންޓެއްގަ އިއްޔެ ސޮއިކުރެވިފަ އިންތިޒާމުތަކެއް ހަމަޖައްސައިފިން. އެ އިންތިޒާމުތަކުގެ ނަތީޖާއަކީ މާދަމާއިން ފެށިގެން ބީއެމްއެލްގަ އެކައުންޓެއް އޮވެއްޖެނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭ ފައިސާ ޖަމާކުރުމުގެ ކަންތައް އެއޮތީ ހަމަޖައްސައިދީފަ. އެހެންވީމާ އިރާދަކުރެއްވިއްޔާ މާދަމާއިން ފެށިގެން މަސްވެރިންނަށް އަޅުގަނޑުވީ ވައުދު ފުއްދެމުންދާނެ ބީއެމްއެލްގަ އެކައުންޓެއް އޮތް މަސްދޯންޏެއް ވިއްޔާ." ރައީސް އިއްޔެ ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނު ވިދާޅުވެފައިވަނީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ވެސް އިއްޔެ މިފްކޯއިން ދީފައިވާ ކަމަށެވެ. އެއީ 38 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ ބެކްލޮގް ނިމުނީ. އިރާދަ ކުރެއްވިއްޔާ ދެނެއް ބެކްކޮލެއް ނާންނާނެ." ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވެފައިވަނީ އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް އެފްއެސްއެމްގެ ސައިޓުތަކުން ތެޔޮ ލިބޭނެ އިންތިޒާމުތައް ވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ފަތުރުވެރިކަމާ އެއްވަރުގެ އާމްދަނީ ލިބޭ ސިނާއަތަކަށް ހެދުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ.