ހއ. އުލިގަމަށް ހޮނުއެޅުމުގެ ސަބަބުން ގެއްލުންތަކެއް ވެއްޖެއެވެ.
އުލިގަމު ކައުންސިލުގެ ރައީސް އަހްމަދު މުއާޒު މުހައްމަދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ މެންދަމު 12:00 އާއި 2:00 އާ ދެމެދުގެ ވަގުތެއްގައި އެރަށަށް ވިއްސާރަކޮށް ހޮނު އަޅައި ގިނަ އަދަދެއްގެ ކަރަންޓު ސާމާނު ހަލާކުވެފައިވާ ކަމަށެވެ.
އެގޮތުން 12 ވަރަކަށް ގޭގެ ކަރަންޓު ސާމާނަށް ގެއްލުންވި ކަމުގެ ރިޕޯޓް މިހާތަނަށް ކައުންސިލަށް ލިބިފައިވާ ކަމަށާއި ހޮނު އަޅައިގެން ޓީވީއާއި، ސެޓްރިސީވަރާއި، ސީލިންގް ފަންކާއާއި، ބޮތްކާއި، އެއާކޮންޑިޝަންފަދަ ތަކެތި ހިމެނޭ ކަމަށް މުއާޒް ވިދާޅުވިއެވެ. ރޭ ކުރި ވިއްސާރައިގައި ގަދައަަށް ވިދާ ގުގުރައި ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާރު ކުރަމުންގެންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެގޮތުން މިރޭވެސް އެ އިދާރާއިން ވަނީ ވިއްސާރު ކުރާނެ ކަމަށް ލަފާކޮށް ފ. އަތޮޅުން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައެވެ.