ޚަބަރު

އަމީނަށް ހެދި ގޮތް ހަދަންވީ ކަމަށްބުނެ ދެއްކި ވާހަކަ ދިފާއުކުރުމުން ކާފަދަރިކަނބަލުން ރައްދުދެއްވައިފި

1

ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ހަދަންވީ ކަމަށްބުނެ، އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކައަކާ ގުޅިގެން، އޭނާގެ ދިފާއުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވާހަކަދެއްކެވެމުން، އަމީންގެ ކާފަ ދަރިކަނބަލުން އަދި އެމްޑީޕީގެ ސަރުކާރުގައި އިނގިރޭސިވިލާތުގެ ސަފީރަކަށް ހުންނެވި ޑރ. ފަރަހަނާޒް ފައިސަލް ރައްދުދެއްވައިފިއެވެ.

ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ބައްދަލުވުމެއްގައި އެމްޑީޕީގެ އެކްޓިވިސްޓަކު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް "ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް" ހަދަން ޖެހޭ ފަދަ މޭރުމަކުން ވާހަކަދައްކައިފައެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ރާއްޖޭގައި ހިނގާފައި ހުރި ކަންތައް ރާއްޖޭގެ ވެރިންނަށް ހަނދާންކޮށްދިނުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށާއި މިއީ އެހާ "ކައިންޑް ޕޮލިސްޓިކްސް"އެއް އޮތް ގައުމެއް ނޫން ކަމަށެވެ. އަދި އަނިޔާވެރި ބަޔަކަށް އަނެއް ބަޔަކު ވެސް އަނިޔާވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންނަށް ދެރަދިނީމާ، ހަމަ މުހައްމަދު އަމީނަށް ހެދި ގޮތް ހަދަން ޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ. އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް. އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުޅުދުއްފުށީގެ ޕޯޑިއަމްގައި އެބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިއަދު ހުންނެވި ޑރ. މުހައްމަދު މުއިއްޒަށް ނަސޭހަތުގެ ގޮތުގައި. އެހެންވިޔަ ނުދޭށޭ އެބޭފުޅަކު ވިދާޅުވީ،" އޭނާ ވިދާޅުވިއެވެ.

އެކަމަށް ރައްދުދެއްވަމުން އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް، ބަޔަކު ނުކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

"މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ތޯޯޯ؟ އެހެންނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން،" ފަރަހަނާޒް ވިދާޅުވިއެވެ.

އަމީނަކީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސެވެ. އަމީން ވަނީ 1953 ގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން 1953 ގެ އޮގަސްޓު 21 ވަނަ ދުވަހުގެ ނިޔަލަށް ރައީސްކަން ކުރައްވައިފައެވެ. ރައީސްކަމަށް ވަޑައިގަތުމާ ހަމައަށް، 1943 ވަނަ އަހަރުގެ އޭޕްރީލް 7 ވަނަ ދުވަހުން ފެށިގެން، އޭރުގެ ގާނޫނުއަސާސީއާ އެއްގޮތަށް އެކިއެކި ހައިސިއްޔަތުން އަމީން ވަނީ ދިވެހި ސަރުކާރުގެ އެންމެ އިސްވެރިކަން ކުރައްވައިފައެވެ. އެހެންކަމުން ހަތް މަސް ދުވަހަށް ރައީސްކަން ކުރެއްވި ނަމަވެސް، އަމީން ވަނީ ދިހަ އަހަރު ދުވަހުގެ ވެރިކަމެއް ކުރައްވައިފައެވެ.

ގައުމުގެ ވެރިކަން ކުރައްވަމުން ވަޑައިގަންނަވަނިކޮށް އިންގިލާބެއް ނުވަތަ ބަގާވާތެއް ނުވަތަ އެޒާތުގެ އެނޫންވެސް ކަމެއްގެ ތެރެއިން، ދުނިދޫގައި ހައްޔަރުކުރެވި މަޖުބޫރުވެވަޑައިގެން 21 އޮގަސްޓް 1953 ގައި އަމީން ވަނީ މަގާމުތަކުން ވަކިވެވަޑައިގެންނެވިއެވެ. އޭގެ ފަހުން ގެއްލިވަޑައިގެންނެވި ވެރިކަން ހޯއްދެވުމަށްޓަކައި 31 ޑިސެންބަރު 1953 ގައި ކަކާގޭ އިބްރާހީމް ހިލްމީ އާއި ޝަމްސުއްދީން ޙިލްމީ އާއެކު ފިއްލަވައިގެން މާލެ ވަޑައިގެން އުޅުއްވަނިކޮށް މީހުންގަނޑު އެއްވެ ހިނގި ކަންތައްގަނޑުގައި ހާނީއްކަވެ ވަރަށް ބޮޑަށް އަނިޔާ ލިބިވަޑައިގެންނެވިއެވެ. އަދި އެފަހަރު ހައްޔަރުވެ ޝަރީއަތްކުރެވި ގާފަރަށް އަރުވާލެވިފައިވަނިކޮށް، ހާލުކޮޅު ބޮޑުވެގެން ވިހަމަނާފުއްޓަށް ބަދަލުކުރެވިފައި ހުއްޓައި 19 ޖެނުއަރީ 1954 ގައި އަވަހާރަވީއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟