ޚަބަރު

އއ. އަތޮޅާއި ކ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ އެ ދަތުރުފުޅުގައި އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި ސްކޫލުތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ހާލަތު ވެސް ބައްލަވައިލައްވައިފައެވެ.

ރައީސް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސް މިއަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް މި ކުރެއްވި ދަތުރުފުޅާއެކު މިހާތަނަށް އެ މަނިކުފާނު ވަނީ ޖުމުލަ 185 ކައުންސިލަކާ ބައްދަލުކުރައްވާފައި ކަމަށެވެ.

ރައީސް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.