ވިލާ އެއާ އިން އޮޕަރޭޓުކުރާ ފްލައިމީ އިން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް ނިންމައިފިއެވެ.
ފްލައިމީ އިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫއާއި ފުވައްމުލަކަށް ކުރާ ދަތުރުތައް އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށާއި ނަމަވެސް ކައިރި މުސްތަގުބަލެއްގައި އެ މަންޒިލްތަކަށް އަލުން ދަތުރުތައް ފެށިގެންދާނެ ކަމަށެވެ.
ފްލައިމީ އިން އެގޮތަށް ނިންމީ ކްރޫއިން މަދުވުމުގެ ސަބަބުން ފަސިންޖަރުންނަށް ދަތިތަކަކާ ކުރިމަވަމުންދާ ޝަކުވާތައް ވެސް ލިބިފައިވާތީއެކު ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޕައިލެޓުންނާއި ކެބިން ކްރޫއިން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށް އެ އެއާލައިނުން ބުންޏެވެ.
ވަގުތީގޮތުން އައްޑޫއާއި ފުވައްމުލަކަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ނިންމި ނަމަވެސް، އިތުރު މަންޒިލަކަށް ދަތުރުތައް ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް ފްލައިމީ އިން މައުލޫމާތުދެއެވެ. އެ ދަތުރުތައް ފެށުމަށްޓަކައި އޭޓީއާރު 72-600 މަރުކާގެ ބޯޓެއް އަންނަ އޮކްޓޯބަރު މަހު ގެނައުމަށް ވެސް އެ އެއާލައިނުން ވަނީ ނިންމައިފައެވެ.