ޚަބަރު

ގެދޮރުވެރިކަމަށްފަހު އިސްކަން ދޭނީ ތައުލީމީ އަދި ސިއްހީ ދާއިރާއަށް، މަޝްރޫއުތައް ގެންދާނީ ތަރުތީބުން: ރައީސް

ގެދޮރުވެރިކަމަށްފަހު އެންމެ އިސްކަން ދޭނީ ތައުލީމީ އަދި ސިއްހީ ދާއިރާއަށް ކަމަށާއި މަޝްރޫއުތައް ކުރިއަށްގެންދާނީ ތަރުތީބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ހިންމަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ތަރުތީބުގެ ތެރެއިން އެންމެ އިސްކަމެއް ދޭނީ ގެދޮރު ބިނާކުރުމަށް ކަމަށާއި އަންނަ އަހަރަކީ ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫއުތައް އެއް އަހަރެއްގެ ތެރޭގައި ކުރިއަށްގެންދެވޭ އަހަރަށް ވާނެ ކަމަށެވެ.

"އަޅުގަނޑު ވާނެ ވަރަށް ގިނަ ރަށްރަށުގައި ގެދޮރުގެ މަޝްރޫއުތައް ހިންގުމަށް ވައުދުތަކެއް އިންތިހާބުގައި ވެފައި. އަދި އެހެން ނޫނަސް ގެދޮރުވެރިކަމަކީ މި ސަރަހައްދަށް، އަދި އަމުދުން ވަރަށް ބޮޑުވެފައިވާ މައްސަލައެއް. އެހެންވީމާ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުން އެއީ އެންމެ މުހިންމު އެއް ކަންތައް. މި ރަށުގައި ވެސް ބިން ހިއްކުމުގެ މަޝްރޫއެއް ހިންގިފައި އޮތުމާއެކު ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމުގައި ގެދޮރުވެރިކަމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ހިތުން ރައްޔިތުން ގަބޫލުކުރައްވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އަލަށް ހިންގާ ނިއު ޕޮލިސީ އިނިޝިއެޓިވްގެ ތެރޭގައި ތައުލީމީ އަދި ސިއްހީ ދާއިރާއިން ހިންމަފުށީގައި ވެސް ކަންތައްތައް ކުރައްވާނެ ކަމަށާއި އެގޮތުން އެ ރަށުގެ ސްކޫލާއި ސިއްހީ ހިދުމަތް ތަރައްގީކުރެވިގެންދާނެ ކަމަށެވެ.

"ދެން ތަރުތީބުގެ ތެރެއިން އެންމެ އިސްކަމެއް މިދެނީ ތައުލީމީ ދާއިރާއަށާއި ސިއްހީ ދާއިރާއަށް ކުރިއެރުން ގެނެސްދިނުމަށްޓަކައި ރަށްރަށުގައި ކުރަން ހުރި މަސައްކަތްތައް. މި ރަށުގައި ވެސް ދެންމެގައި އެ ފާހަގަކުރި ގޮތަށް އެބަހުރި މި ދެ ދާއިރާއިން ކުރަން ހުރި ކަންކަން. ސްކޫލުގެ މަސައްކަތްތަކެއް ކުރަން އެބަހުރި، ސިއްހީ ހިދުމަތުގައި އިތުރުކުރަން ހުރި، ފުޅާކުރަން ހުރި ކަންކަން އެބަހުރި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއަށްފަހު ފެނާއި ނަރުދަމާ އަޅައި، މަގުތައް ހެދުމުގެ މަޝްރޫއުތައް ރަށްރަށުގައި ކުރިއަށްގެންދަވާނެ ކަމަށާއި މިހާރު ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައި ހުރި ރަށްރަށުގެ މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ގިނަ ރަށްތަކުގައި މުހިންމު މައި މަގުތައް ހެދިގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.