މިނިސްޓަރު ޑރ. ހުސެެއިން ރަޝީދު ހަސަން

"ވެލި ނަގަން އުޅުނު ބޯޓުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ"

ވެލި ނަގަން އުޅުނު ބޭރުގެ ބޯޓުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހުސައިން ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އުޅަނދުގައި ހުރި ވެއްޔަކީ ގާނޫނާ އެއްގޮތަށް ހުއްދަ ލިބިގެން ހޯދާފައިވާ ވެލިކަން ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.

"މާލެ ސަރަހައްދުން ވެލި ހިފައިގެން ހުވަދޫ އަތޮޅަށް ދަތުރު ކުރަމުންދާކަމަށް ބުނާ އުޅަދެއްގައި ހުރި ވެއްޔަކީ ގާނޫނާ އެއްގޮތަށް ހުއްދަ ލިބިގެން ހޯދާފައިވާ ވެލިކަން ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދެފިން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ މިއަދު 17:10 ހާއިރު ލ. ހިތަދޫ ކައިރިން ބޮޑު ބޯޓެއް ފެނިގެން ފުލުހުންނަށް ސިފައިން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި ސިފައިން އެކީގައި އުޅަނދަށް އަރާފައިވާ ވެލި ނަގަން އުޅުނު ބޭރުގެ ބޯޓަކީ ސިނަމާލެ ބުރިޖުގެ މަސައްކަތްކުރި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށެވެ.

އެ ބޯޓަކީ ހުވަދޫ އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ކަމަށާއި ނަމަވެސް އެ ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެންކަން ހާމަވާ އެއްވެސް ލިޔުމެއް ނެތް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެބޯޓުގައި ރަޖިސްޓްރޭޝަން ނަންބަރާއި ދިދައެއް ނެތް ކަމަށާއި ބޯޓުގެ މީހުން ބުނާގޮތުގައި އެވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސްކުރަން އަރުވާފައިވާ ވެލި ކަމަށެވެ. އެ ބޯޓު ލ. އަތޮޅުގައި މަޑުކޮށްފައިވަނީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ބޯޓުގައިވާ މައްސަލަތައް ރަނގަޅު ކުރުމަށް ކަމަށް އެ ބޯޓުން ބުނެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.