ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުތަކަށް ފޮތް ހަދިޔާ ކުރައްވައިފިއެވެ.
ފޮތް ހަދިޔާ ކުރެއްވުމަށްފަހު، މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ، ޖަލުތަކަށް ފޮތް ހަދިޔާކުރެއްވުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހަމަޖައްސަވާފައިވާ ޕޮރްގުރާމަކީ، ވަރަށް މުހިންމު ޕޮރްގުރާމެއް ކަމަށެވެ.
އެ ފޮރްގުރާމުގައި ބައިވެރިވެ ޖަލަށް ބައެއް ފޮތް ހަދިޔާ ކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި ޖަލުގައި ތިބޭ މީހުންނަކީވެސް އަޅުގަނޑުމެންގެ އަހުންނާއި އުހްތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޖަލުގައި ކުށްކޮށްފައި ތިބޭ މީހުންނާއި ކުށް ނުކުރާ މީހުން ތިބޭކަން ވެސް މައުމޫން ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، އެ އެންމެންގެވެސް އިންސާނީ ހައްގުތަކެއްވާ ކަމަށާއި އެންމެންވެސް އިސްލާހުވެ އެނބުރި މުޖުތަމައުއަށް އަންނަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކޮށްދެވެން ހުރި ހުރިހާކަމެއް މިސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި، އަމިއްލަ ފަރުދުންވެސް ކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން ވަނީ ޖަލަށް ފޮތް ހަދިޔާ ކުރުމަށް ހޯމް މިނިސްޓްރީން ފެއްޓެވި މަސައްކަތް ފާހަގަކުރައްވައި އެ މަސައްކަތްތައް ކުރިއަށްގެންދާކަމަށްޓަކައި ޝުކުރު ދަންނަވައިފައެވެ.