ޚަބަރު

ވެލި ނަގަން އުޅުނު ބޯޓަކީ ބުރިޖުގެ މަސައްކަތްކުރި ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް: ފުލުހުން

3

ވެލި ނަގަން އުޅުނު ބޭރުގެ ބޯޓަކީ ސިނަމާލެ ބުރިޖުގެ މަސައްކަތްކުރި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިއަދު 17:10 ހާއިރު ލ. ހިތަދޫ ކައިރިން ބޮޑު ބޯޓެއް ފެނިގެން ފުލުހުންނަށް ސިފައިން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި ސިފައިން އެކީގައި އުޅަނދަށް އަރާފައިވާ ކަމަށެވެ.

ވެލި ނަގަން އުޅުނު އެ ބޯޓަކީ ބުރިޖު ހެދި ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށާއި މިބޯޓަކީ ހުވަދޫ އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެބޯޓުގައި ރަޖިސްޓްރޭޝަން ނަންބަރާއި ދިދައެއް ނެތް ކަމަށާއި ބޯޓުގެ މީހުން ބުނާގޮތުގައި އެވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސްކުރަން އަރުވާފައިވާ ވެލި ކަމަށެވެ. ނަމަވެސް އެ ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެންކަން ހާމަވާ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ބޯޓު ލ. އަތޮޅުގައި މަޑުކޮށްފައިވަނީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ބޯޓުގައިވާ މައްސަލަތައް ރަނގަޅު ކުރުމަށް ކަމަށް އެ ބޯޓުން ބުނެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟