ރޯދަމަސް

ރަހަފަތް: ފިހުނު ގުޅަ

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. ނަމަވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. ދިވެހިންގެ ތެރޭގައި ފިހުނު ގުޅައަކީ ވަރަށް މަގުބޫލު އެއްޗެކެވެ. ހާއްސަކޮށް ރޯދަމަހު ކޮންމެ ދުވަހަކުވެސް ރޯދަ ވީއްލާއިރު، ސުފުރާ މަތީ ފިހުނު ގުޅަ ކޮންމެހެންވެސް ހުންނަން ބޭނުންވާ މީހުން މިހާރުވެސް މަދެއް ނޫނެވެ.

ބޭނުންވާނެ ތަކެތި:

2 ލާހި ގޮދަން ފުށް

1 ކާށި ހުނި

1 ގަނޑު ވަޅޯ މަސް

2 ލުނބޯ

3 ފިޔާ

2 ލޮނުމެދު (ގާނާފައި)

1 އިންޗި އިނގުރު ( ގާނާފައި)

1 ގިތެޔޮ މިރުސް

ހިކަނދިފަތް، ރީނދޫ، ލޮނު

ތައްޔާރުކުރާނެ ގޮތް:

ކާށި ހުނިން އެތިކޮޅެއް އަޅައިގެން 1/2 ސަމުސާ ލޮނު ޖަހައިގެން ފުށްގަނޑު މޮޑެލާށެވެ.

ދެން މަސް، ފިޔާ، ހިކަނދިފަތް، ގިތެޔޮ މިރުސް، ތުނިކޮށް ކޮށާށެވެ. ކޮށާފައި ހުރި އެއްޗިހީގެ ތެރެއަށް ލުނބޯ ހުތާއި ލޮނު ޖަހައިގެން މޮޑޭށެވެ. މަސްގަނޑު މޮޑޭއިރު އިނގުރާއި ލޮނުމެދު އަދި ކުލަ ހިފާވަރަށް ކުޑަ ރީނދޫކޮޅެއް ލާށެވެ. ރަނގަޅަށް މޮޑެލުމަށްފަހު ރަހަ ހެޔޮވަރު ކުރާށެވެ. ރަހަ ހެޔޮވަރު ވުމުން މޮޑުނު ފުށްގަނޑުން ކުޑަ ފުށްކޮޅެއްގެ ތެރެއަށް މަސްކޮޅެއްލުމަށްފަހު ގުޅައެއްހެން ވަށްކޮށް ހަދާށެވެ. ގުޅަތައް ހަދައި ނިމުމުން ޓްރޭގައި ކުޑަ ތެޔޮކޮޅެއް އުނގުޅައިލާފައި ގުޅަތައް އަތުރާލާށެވެ. އެއަށްފަހު އަވަނުން ފިހެލާށެވެ. މިއީ ތެލުގެ ބާވަތްތައް ބޭނުން ނުކުރާ މީހުންނަށް ވަރަށް މުހިންމު އެއްޗެކެވެ.