ޚަބަރު

މަތީ ސާނަވީއަށް ކިޔަވައިދޭ އިސްލާމް ޓީޗަރުންނަށް އިސްލާމިކް ފައިނޭންސްއާ ގުޅޭ މައުލޫމާތު ދީފި

މާލެ ސަރަހައްދުގެ ސްކޫލްތަކުގައި މަތީ ސާނަވީއަށް ކިޔަވައިދޭ އިސްލާމް ޓީޗަރުންނަށް އަމާޒުކޮށްގެން އެމްއެމްއޭ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ރާއްޖޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަންތައް ގުޅިގެން ސެޝަނެއް ބާއްވައިފިއެވެ.

އެމްއެމްއޭ އިން ބުނީ، "ޕްރެކްޓިކަލް އިންސައިޓްސް: އިސްލާމިކް ފައިނޭންސް ފޯ އެޑިއުކޭޓާސް" ގެ ނަމުގައި އިއްޔެ ކުރިއަށްގެންދިޔަ އެ ސެޝަންގެ މަގުސަދަކީ ކިޔަވައިދިނުމުގައި ރާއްޖޭގެ ކޮންޓެކްސްޓަށް ގުޅޭނޭހެން އަދި މިހާރު ރާއްޖޭގައި އިސްލާމިކް ފައިނޭންސިން ފޯރުކޮށްދެމުން އަންނަ އިންސްޓިޓިއުޝަންތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާ ކަންތައްތައް ޓީޗަރުންނަށް ކިޔައިދީ އެ ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ރާއްޖޭގައި އިސްލާމިކް ފައިނޭންސާ ގުޅޭ އެންމެ ފަހުގެ އަދި ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ސެޝަންގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ އިސްލާމިކް ފައިނޭންސިން ރާއްޖޭގައި ކުރިއެރުވުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށާއި މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަންވީ އިސްލާމިކް ފައިނޭންސަށް ހޭލުންތެރިކަން އިތުރުކުރަން ކަމަށެވެ. އެގޮތުން ސްކޫލް ނިންމާ ދަރިވަރުންނަށް މި މައުލޫމާތު އެނގުން ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.

"ދަރިވަރުންނަށް އިސްލާމިކް ފައިނޭންސިން އެނގުން ވަރަށް މުހިންމު. މާދަމާގެ ޖީލަށް އިސްލާމިކް ފައިނޭންސިން އަޅުގަނޑުމެން ކިޔައިދޭންވީ. އިސްލާމިކް ފައިނޭންސިންގެ ސިފަތައް އެނގި އޭގެ ރަނގަޅުކަން ދަރިވަރުންނަށް ދަސްވެގެން އިސްލާމިކް ފައިނޭންސިން ރާއްޖޭގައި ކުރިއަރާނީ" ގަވަރުނަރު ވިދާޅުވިއެވެ.

އެމްއެމްއޭ އިން ބުނީ، ސެޝަންގައި ދަރިވަރުންގެ ފަރާތުން އިސްލާމިކް ފައިނޭންސިންއާ ގުޅޭ ގޮތުން އަމާޒުވާ ސުވާލުތަކަށް މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ. އަދި އިސްލާމިކް ބޭންކިން އާއި ކޮންވެންޝަނަލް ބޭންކިން އަދި އިންޝުއަރެންސް އަދި ތަކާފުލްގެ ތަފާތު ކިޔައިދީ އަމަލީ ގޮތުން ރާއްޖޭގައި އެ ހިދުމަތްތައް ފޯރުކޮށްދެމުންދާ ގޮތްތައްވެސް ޓީޗަރުންނަށް ކިޔައިދިން ކަމަށް ބުންޏެވެ.

އެ ސެޝަންގައި އެމްއެމްއޭގެ އިތުރުން، މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް، ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް، އެޗްޑީއެފްސީ، އަމާނާ ތަކާފުލް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އަޔާދީ ތަކާފުލް އިން ބައިވެރިވެ މައުލޫމާތު ދިނެވެ.