ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ނުނަގައި، ލ. ހިތަދޫ ކައިރިން ވެލި ނަގަން އުޅުނު ބޯޓެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ، މިއަދު 17:10 ހާއިރު ހިތަދޫ ކައިރިން ބޮޑު ބޯޓެއް ފެނިގެން ފުލުހުންނަށް ސިފައިން ދިން މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި ސިފައިން އެކީގައި އުޅަނދަށް އަރާފައިވާ ކަމަށެވެ.
އެބޯޓުގައި ރަޖިސްޓްރޭޝަން ނަންބަރާއި ދިދައެއް ނެތް ކަމަށާއި ބޯޓުގެ މީހުން ބުނާގޮތުގައި އެވެއްޔަކީ ބޯޓުގައި ހުރި ބަރު ވެހިކަލްތައް ބެލެންސްކުރަން އަރުވާފައިވާ ވެލި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އެ ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެންކަން ހާމަވާ އެއްވެސް ލިޔުމެއް ނެތްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މިބޯޓަކީ ބުރިޖު ހެދި ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށާއި މިބޯޓަކީ ހުވަދޫ އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ކަމަށެވެ. ނަމަވެސް ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ލ. އަތޮޅުގައި މަޑުކުރީ ކަމަށާއި ބޯޓުގައިވާ މައްސަލަތައް ރަނގަޅު ކުރުމަށް ބުނެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.