ޚަބަރު

"ވަކި ޖިންސަކަށް ވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމުގެ ސިޔާސަތުތައް ރާއްޖެއިން ދަމަހައްޓާނަން"

އަލީ އިހްސާން

އިންސާނީ ކާރިސާތަކުގައި ޖިންސީ ގޮތުންނާއި ވަކި ޖިންސަކަށް ވީތީ ކުރިމަތިވާ އަނިޔާ ނިމުމަކަށް ގެނައުމަށްޓަކައި ސަގާފީ، އިޖުތިމާއީ، އަދި ފިކުރީ ގޮތުން ވިސްނުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާ ސިޔާސަތުތައް ނެގެހެއްޓުމުގައި ދިވެހިރާއްޖޭން ދެމިއޮންނާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށްދާ “އެންޑިންގ ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް” ކޮންފަރެންސްގައި ސްޓޭޓްމަންޓް ދެއްވަމުންނެވެ.

މިނިސްޓަރ ޝިދާތާ ވިދާޅުވީ ޖިއޮގުރަފީ ގޮތުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތުންނާއި އޮންނަ ސަރަހައްދުގެ ގޮތުން ގުދުރަތީ ކާރިސާތަކަށް ދިވެހިރާއްޖެ ވަރަށް ބޮޑަށް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން 2004 ވަނަ އަހަރު ސުނާމީގައި ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރައްވައި، އެ ކާރިސާގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެފަދަ ކާރިސާތަކަށް ފަހު އިޖުތިމާއީ ގިނަ މައްސަލަތަކެއް ފެންމަތިވާ ކަމަށާއި، އެގޮތުން އެފަދަ ފަރާތްތައް ޖިސްމާނީ އަދި ޖިންސީ އަނިޔާއަށް ހުށަހެޅޭ ކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ ސިޔާސަތުތަކެއް އެކަށައަޅައިފައިވާކަން ބަޔާންކުރައްވައި، އެކި ބާވަތުގެ އަނިޔާއާއި ގެވެށި އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިންނަށް ވަގުތީ ހިޔާތަކާއި މަރުކަޒުތަކުން ރައްކައުތެރިކަން ފޯރުކޮށްދީ، އެފަދަ ފަރާތްތަކަށް ސައިކޯސޯޝަލް ސަޕޯޓު ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިމަހުގެ 23ން 24ށް ކުރިއަށްދާ މި ކޮންފަރެންސްއަކީ ނޯވޭ، އިރާގު، ސޮމާލިއާ އަދި އެކުވެރި އަރަބި އިމާރާތުގެ ސަރުކާރާއި، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ)، ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ދި ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯ.ސީ.އެޗް.އޭ) އަދި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސްއެކެވެ.

އެކި ގައުމުތަކުގެ ވަޒީރުންނާއި ސަފީރުންނާއި ގައުމުތަކުގެ މަތީ ފެންވަރުގެ މަންދޫބުންގެ އިތުރުން ބައިނަލްއަގުވާމީ އޭޖެންސީތަކާއި، މަދަނީ ޖަމައަތްތަކުގެ ވެރިން ބައިވެރިވާ މި ކޮންފަރެންސްގެ އަމާޒަކީ އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތް ވަކި ޖިންސަކަށް ނިސްބަތްވީތީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތައިލުމާއެކު، ހަމަނުޖެހުމުގެ ހާލަތްތަކުގައި ޖިންސީ ތަފާތު އެކި އަނިޔާތަކުގެ ޝިކާރައަކަށްވެގެންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންނަ ފަރަގު ނައްތައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

މި ކޮންފަރެންސްގައި، ނުރައްކަލަށް ހުށަހެޅޭ މީހުންނަށް ރައްކައުތެރިކަން ފޯރުކޮށްދިނުމުގައި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި، ޖިންސީ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިވުމާއި، އިންސާނީ ކާރިސާތަކުގައި މި ބާވަތުގެ އަނިޔާއަށް ހުށަހެޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރަންވީ ގޮތާއި، އިތުރު މާލީ ވަސީލަތްތައް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.