އެ މަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސިޔާސީ ފިކުރަށް ނުބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އއ. ތޮއްޑުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން އިސްކަން ދޭނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށެވެ. އަދި ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ސިޔާސީ ވިސްނުން ނުގެންގުޅުއްވާނެ ކަމަށާއި މިއަދާ ހަމައަށްވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އިސްކުރައްވާނީ ހަމަހަމަކަން ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރަށް ނުކޮށްދެވުނީ ކުރީގައި އޮތް އެމްޑީޕީގެ ސަރުކާރުން ބަޖެޓް ފާސްކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދެވޭނެ ގޮތަށް ފާސްކޮށްފައިވާ ބަޖެޓެއް ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ 2025 އަދި 2026 ވެގެންދާނީ އަޅުގަނޑު ރަށްރަށަށް ގޮސް، ރިޔާސީ އިންތިހާބުގައި ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކާ އަމަލީ ގޮތުން އެ މަސައްކަތްތައް ހިނގާ ދެ އަހަރަށް. އަންނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ޑިސެމްބަރާއި ހަމައަށް އަދި، 2026 އަހަރު،" ރައީސް ވިދާޅުވިއެވެ.