ޚަބަރު

ތޮއްޑޫ ކައުންސިލުން ރައީސް އަރިހުގައި އެދުނީ ރަށުގެ އިގްތިސޯދަށް އިތުރު ފައިސާ ވަންނާނެ ގޮތް ހަދައިދޭން

މުހައްމަދު އިޝާން

އއ. ތޮއްޑޫގެ އިގްތިސޯދު އިތުރަށް ރަނގަޅު ކުރުމަށް އެ ރަށަށް ފައިސާ ވަންނާނެ އިތުރު ގޮތްތަކެއް ހަމަޖައިސައިދިނުމަށް ތޮއްޑޫ ކައުންސިލުން، ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސް އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ވަނީ ފުރާވަޑައިގެންފައެވެ. ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އއ. ތޮއްޑޫއަށެވެ. ތޮއްޑޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި ތޮއްޑޫ ކައުންސިލުން ވަނީ ސިއްހީ ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، މިހާރަށްވުރެ ފެންވަރު ރަނގަޅު ސިއްހީ މަރުކަޒެއް ގާއިމުކޮށް ދިނުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައި ކަމަށެވެ. އަދި ތޮއްޑޫގެ ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ތޮއްޑޫގެ އިގްތިސޯދު ރަނގަޅުކުރުމަށް ފައިނޭންސް ލިބޭނެ އިތުރު އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ވެސް ކައުންސިލުން ވަނީ އެދިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސަކު އެ ރަށަކަށް ވަޑައިގެން އެ ރަށެއްގެ ރައްޔިތުންނާ މަޝްވަރާކުރައްވައިގެން އެ ރަށެއްގެ ތަރައްގީގެ ކަންކަން ބައްޓަން ކުރެއްވުމަކީ އެރަށަކަށް އެންމެ ރަނގަޅު ގޮތްކަމަށް ދެކިވަޑައިގަންނަވާކަން ވެސް ކައުންސިލުން ފާހަގަކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަންކަން ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަވާނެ ކަން ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ތޮއްޑޫގެ މަގު ހެދުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކައުންސިލާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ ތޮއްޑޫ ކައުންސިލްގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.