ކޮމިޔުނިޓީ ސްކޫލުތައް މިހާރަށްވުރެ ރަނގަޅަށް ހިންގުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ސްކޫލުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ ސްކޫލަކީ، އެތައް ހިދުމަތްތެރީންނެއް ބިނާކޮށްފައިވާ ފަހުރުވެރި މާޒީއެއް އޮތް ސްކޫލެއް ކަމަށެވެ.
މާފަންނު މަދަރުސާއަކީ، ކޮމިޔުނިޓީ ކޮންސެޕްޓްގައި ހިންގާ ސްކޫލެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ސްކޫލަށް ބޭނުންވާ ކަންކަން މި ސަރުކާރުން ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
"ސަރުކާރުން ސްކޫލު މި ކޮންސެޕްޓްގައި (ކޮމިޔުނިޓީ ކޮންސެޕްޓްގައި) ހުރި ސްކޫލުތައް މިހާރަށް ވުރެ ރަނގަޅަށް ގެންދިއުމަކީ އަމާޒެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށް ސެން ޓީޗަރުން ބިނާކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން ޑިޕޮލޮމާއިން ފެށިގެން ޑިގްރީއަށް ޓީޗަރުން ތަމްރީންކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ވިދާޅުވިއެވެ،'
ރައީސް އިތުރަށް ވިދާޅުވީ، އަންނަ އަހަރު، މާފަންނު މަދަރުސާގައި ބިންމަތީގައި ހުންނަ ހޯލެއް ސަރުކާރުން ހަދައިދޭނެ ކަމަށެވެ. އަދި މާފަންނު މަދަރުސާގެ ކުރިއެރުމަށް ކުރެވެން ހުރި ހުރިހާކަމެއް ސަރުކާރުން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.