ކ. ދިއްފުށީގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ ދެ ރޭގެ މަތިން ދިއްފުށީގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން 32 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް ދިހަ ދުވަސް ޖަހާފައިވާ ކަމަށެވެ.
ރޭ 11:30 ހާއިރު ހިންގި ދިއްފުށީގައި ހިންގި މާރާމާރީއަކީ މިދިޔަ ބުދަ ދުވަހުގެ ރޭ އެ ރަށުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށާއި ރޭ ހިންގި މާރާމާރީގައި މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވައްކަމުގައި ބައިވެރިވި މީހުންނާ ކުރިމަތިލައި، ރައްޔިތުންގެ ބަޔަކު ރޭ ވަނީ އެމީހުންނާ ސުވާލުކޮށްފައެވެ. ރައްޔިތުން ވަނީ އެ ރަށުގެ ފިހާރައަކުން ވައްކަންކޮށް، ނެގި ތިޖޫރީއެއް ހޯދައިފައެވެ. ވަޅުލާފައިވާ ތުޖޫރީ ހޯދި ނަމަވެސް، ފައިސާތައް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ އެ ރަށުގައި ހިންގި ފުރަތަމަ އެ ހަމަނުޖެހުމުގައި ދެމީހަކަށް ވަޅިން ހަމަލާދީ އެކަކުގެ ތިން އިނގިލީގެ ހިއްސު ކެނޑޭ ވަރަށް ބުރިވެގެން ގޮސްފައެވެ.