ޚަބަރު

ނައީމާގެ މަރާލަން ރާވައި އެކަމުގައި އިސްކޮށް އުޅުނީ ފަވާޒުކަން ސާބިތުކުރަން ދައުލަތުން ހެކި ހުށަހަޅައިފި

މުހައްމަދު އިޝާން

ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ މަރާލަން ރާވައި އެކަމުގައި އިސްކޮށް ހަރަކާތްތެރިވީ ހަސަން ފަވާޒްކަން ސާބިތުކުރުމުގެ ގޮތުން ދައުލަތުން ހެކި ހުށަހަޅައިފިއެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭގެ ކޮޓަރީގެ ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުއްޓެވެ. ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ އެ ރަށު ތިން މީހުންގެ މައްޗަށެވެ. އަހުޒަމް އަބްދުއްޝުކޫރު އާއި ރިފާސް އަބޫބަކުރު ގެ އިތުރުން ފަވާޒަށެވެ. އެ ތިން މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ރިފާސް ވަނީ ނައީމާ މަރާލި ކަމަށް އިއުތިރާފުވެ، އެ ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގަށް ކިޔައިދީފައެވެ. ރިފާސް ދިން ބަޔާންތަކުގެ އެހީގައި ފުލުހުން ވަނީ މި މަރުގެ މައްސަލައާ ގުޅުންހުރި މުހިންމު ހެކިތަކެއް ވެސް ހޯދައިފައެވެ. އެ ހެކިތަކުގެ ތެރޭގައި ނައީމާ މަރާލުމަށް ބޭނުން ކުރި ދެ ވަޅިއެއް ފުލުހުން ހޯދިއެވެ. އަދި ނައީމާއަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު (ޕީޕީއީ ކިޓް) އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދިއެވެ. އަންނައުނު ހޯދީ ވަޅުގަނޑު ކޮނެގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. ފަހުން ޝަރީއަތުގެ މަރުހަލާގައި ރިފާސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ ނައީމާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުޒަމް އަދި ރިފާސްއަށް އެ މަސައްކަތުގެ އަގު ދީފައިވަނީ ފަވާޒް ކަމަށެވެ. އަގުގެ ގޮތުގައި ދީފައިވަނީ މަސްތުވާތަކެތި ކަމަށެވެ.

ފަވާޒްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރެއިގައި ރިފާސް، އަހުޒަމް، ފަވާޒުގެ ސެލް ލޮކޭޝަންތަކާއި ކޯލް ރެކޯޑިންތައް ހިމެނެއެވެ. ފަވާޒުގެ، އިރުޝާދާ އެއްގޮތަށް ނައީމާ މަރާލުމުގެ ކަންކަން ރިފާސްއާއި އަހުޒަމް ކުރިކަން ސާބިތުކުރުމުގެ ގޮތުން ދައުލަތުން ވަނީ ހެކިވެރިން ހުށަހަޅައިފައެވެ. ރިފާސްއާއި އަހުޒަމް، ނައީމާ މަރާލި ވަގުތު ގުޅައިގެން ތިބީ ފަވާޒަށް ކަމަށް ދައުލަތުން ބުންޏެވެ. ދެން ހެކީގެ ގޮތުގައި ހުށަހަޅައިފައިވަނީ އަހުޒަމް، ރިފާސް ތަހުގީގަށް ދިން އިއުތިރާފު ބަޔާނެވެ. މީގެ އިތުރުން ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް ފަވާޒް ތުހުމަތުކުރާ ކަމަށާއި އަދި އެކަމަށް ވަރަށް ބޮޑަށް ރުޅި އައިސްފައި ހުންނަކަން ސާބިތުކުރުމުގެ ދައުލަތުން ވަނީ ހެކީގެ ގޮތުގައި އެ ރަށު ބައެއް މީހުންގެ ހެކިބަސް ހުށަހަޅައިފައެވެ.

ނައީމާ ދިރިއުޅޭ ގެ ކައިރިއަށް ފަވާޒު ވަނީ އަހުޒަމާއި ރިފާސް ގޮވައިގެން ކާރުގައި ގޮސްފައި ކަމަށާއި އެ ކާރަކީ ފަވާޒުގެ ކާރުކަން ސާބިތުކުރަން ދައުލަތުން ވަނީ ސީސީޓީ ފޫޓޭޖު ހުށަހަޅައިފައެވެ. އަދި ވަނީ ފޮރެންސިކް ތަހުލީލުގެ ބައެއް ރިޕޯޓްތަކާއި ކުށްކުރަން ބޭނުންކުރި ބައެއް އާލާތްތައް ހޯދަން ފަވާޒު ހަރަދުކުރިކަން ސާބިތުކުރަން ހެކި ހުށަހަޅައިފައެވެ.

ފުލުހުން، ފަވާޒު ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. އޭނާ މާލެ އައިސްފައިވަނީ ނައީމާ މަރުވެފައި އޮއްވާ ފެނުނު ފަހުން ކަމަށް ދައުލަތުން ކުރިން ވިދާޅުވެފައިވެއެވެ.

މި މައްސަލައިގެ ކުރީގެ ޝަރީއަތެއްގައި ދައުލަތުން ވިދާޅުވެފައިވަނީ ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި ސިހުރު ހަދާ މީހުން މަރައިގެން ފާފަވެރި ނުވާނެ ކަމަށް ރިފާސް އަދި އަހުޒަމަށް، ފަވާޒް ވިސްނައިދީފައިވާ ކަމަށެވެ. އަދި ނައީމާ މަރާލުމަށް ބޭނުންވާ އާލަތްތައް ހޯދައި، އެ ދެ މީހުން ނައީމާ ދިރިއުޅޭ ގެއަށް ގެންދިޔައީ ފަވާޒް ދުއްވާ ކާރުގައި ކަމަށާއި އެމީހުން ނައީމާ ދިރިއުޅޭ ގެއަށް ވަނީއްސުރެ ފޯނުން އެމީހުންނަށް ކަން ކުރާނެ ގޮތުގެ އިރުޝާދު ދިނީވެސް ފަވާޒް ކަމަށެވެ.

ދައުލަތުން ވިދާޅުވެފައިވަނީ ނައީމާ މަރާލުމަށް ފަހު، ފަވާޒުގެ ކާރުގައި މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް، ވަޅުގަނޑެއް ކޮނުމަށްފަހު ހުރިހާ އެއްޗެއް އަންދާލަން އިރުޝާދުދީ، ފެޓްރޯލް ހަމެއް ދީފައިވާ ކަމަށާއި އެތަކެތި އަންދާލުމުން އެ ސަރަހައްދުން އަނބުރާ ގެންދިޔައީ ވެސް ފަވާޒްގެ ކާރުގައި ކަމަށެވެ.

ދައުލަތުން ފަވާޒްގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވެސް އުފުލިއެވެ. އެއީ ރިފާސް ހައްޔަރު ކުރުމާއެކު ކުރިން ގެންގުޅުނު ފޯނު ނައްތާލުމަށްފަހު އާ ފޯނެއް ފަވާޒް ގަތުމުންނެވެ. ދައުލަތުން ވިދާޅުވެފައިވާ ގޮތުގައި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ، ނައީމާ މަރާލުމަށްފަހު އޭނާ އޮތް ކޮޓަރި އެތެރެއިން ތަޅުލާން އިރުޝާދު ދީފައި ވަނީ ފަވާޒް ކަމަށްވާތީއެވެ.

ނައީމާގެ ހަށިގަނޑު ފެނިފައިވަނީ މަރާލިތާ 40 ގަޑިއިރު ފަހުންނެވެ. އެއިރު އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. ނައީމާގެ މޫނުވެސް އޮތީ ވަރަށް ބޮޑަށް ކުނިވެ، ކަޅުވެފައެވެ.