ޚަބަރު

ތެލެސީމިއާއަށް ހާއްސަ ޗައިނާގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އަންނަނީ

ފާތިމަތު ލިޔުޝާ

ތެލެސީމިއާއަށް ހާއްސަ ޗައިނާގެ ޑޮކްޓަރުންގެ ޓީމެއް ކެމްޕެއިން ދަތުރެއްގައި ރާއްޖެއަށް އައުމަށް ހަމަޖެހިއްޖެއެވެ.

މާލޭ ސިޓީ ކައުންސިލުގެ މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެކަމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރައްވަން މޭޔަރު އާދަމް އާޒިމް މިއަދުގެ ވަގުތެއްގައި ޗައިނާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި ޗައިނާގެ ވަރަށް ގިނަ ސިޓީތަކާއެކު އެއްބަސްވުންތައް ހެދުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.

"މިހާރުވެސް ސޫޖޯ ސިޓީގެ ފަރާތުން ލިބިފައި އިން ފުރުސަތުތަކުގެ ތެރޭގައި، ތެލެސީމިއާ ކުދިންނަށް ހާއްސަކޮށްގެން ބާއްވާ ޗައިނާގެ ތެލެސީމިއާއަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު، އައިޖީއެމްއެޗް އަދި ސިޓީ ކައުންސިލް ބައިވެރިވެގެން މާލޭގައި ކޭންޕޭނެއް ހިންގުމަށް މަސައްކަތްތަކެއް ކުރަމުންގެންދަވާ،" ނަރީޝް ވިދާޅުވިއެވެ.

އޭގެ ތެރެއިން ކައުންސިލަށް ޖާގަތަކެއް ހަަމަޖެހި، އެކަންކަން މިހާރުވެސް މަގުފަހިވަމުންދާ ކަމަށާއި މިހާރުވެސް ސިޓީ ކައުންސިލަށް ޗައިނާއަަށް އިތުރު ދަތުރުތަކެއް ލިބި، އެ ފުރުސަތުތަކުގެ ބޭނުން ހިފަން ޖާގަ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ވިދާޅުވީ މޭޔަރު އާޒިމް ޗައިނާއަށް ފުރާވަޑައިގަންނަވަނީ ސޫޖޯ ސިޓީއާއެކު އިގުތިސާދީ، ޓެކްނޮލޮޖީ، ކަލްޗާ، ޓޫރިޒަމް އަދި އިތުރު ދާއިރާތަކަކުން ގުޅުން ބަހަދިކުރުމަށްޓަކައި އެއްްބަސްވުމެއްގައި ސޮއިކުރައްވަން ކަމަށެވެ.