ޚަބަރު

ރައީސް، ކެޔޮޅުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އައްސަވައިފި

މުހައްމަދު އިޝާން

ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި ބައެއް ކެޔޮޅުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުން ބާއްވައިފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ކަމަށެވެ.

ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަށް ބޭނުންވާ ކަންކަން ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި މިހާރު ހުރި ކަންބޮޑުވުންތައް ވެސް ކެޔޮޅުން ވަނީ ރައީސްއާ ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކެޔޮޅުން ވަނީ މަހުގެ އަގު ދަށްކަމާއި ފައިސާ އާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ވެސް ރައީސްއާ ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން ކެޔޮޅުން ވަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެދިފައެވެ.

އަދި ވަނީ މަސްވެރިކަމުގެ ސިނާއަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ރައީސްއާ ހިއްސާކޮށް މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސަރުކާރުން މަސްވެރިންނާއި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކެޔޮޅުން ފާހަގަކުރެއްވި ކަންކަން، ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.