ޚަބަރު

އޭސީސީން އެންސްޕާ އާއި ފިނޭންސަށް ވަދެއްޖެ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ފިނޭންސް މިނިސްޓްރީއަށް ވަދެއްޖެއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި، އޭސީސީގެ ތަހުގީގު ޓީމުން ވަނީ މި ހަފުތާގެ ތެރޭގައި އެންސްޕާ އަދި ފިނޭންސަށް ވަދެފައެވެ.

އެކަމާ ގުޅޭގޮތުން އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާއާ "ވަން" އިން ސުވާލުކުރުމުން މިރޭ އޭނާ ވިދާޅުވީ ތަހުގީގު މަރުހަލާގައި އެ ކޮމިޝަންގެ ތަހުގީގު ޓީމުން މުއައްސަސާތަކާ ސުވާލުކުރުމަށް ވަންނާނެ ކަމަށާއި އެ ދެ އިދާރާއަށް ވަން ކަމެއް އަދި ނުވަންނަ ކަމެއް ވެސް މިވަގުތު ކަށަވަރުކޮށްދެވެން ނެތް ކަމަށެވެ. އަދި އެކަމުގެ އިތުރު އެއްވެސް މައުލޫމާތެއް މިވަގުތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންސްޕާ އާއި ފިނޭންސަށް އޭސީސީން ވަދެފައި މިވަނީ، އެންސްޕާ ހިންގާނެ އިމާރާތެއް ހޯދުމުގެ ފަހަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށްބުނެ ތުހުމަތުތަކެއް އަމާޒުވެފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެންސްޕާގެ ފަރާތުން އޭސީސީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އެދިފައިވަނިކޮށެވެ.

އެކަމާ ގުޅިގެން އޭސީސީން ވަނީ އެންސްޕާގެ މައްސަލަ އޭސީސީގައި ރަޖިސްޓްރީކޮށް އެ މައްސަަލަ ބަލަން ފަށައިފައެވެ. އެ މައްސަލަ ބަލަން ފަށާފައިވާކަން އޭސީސީން ވަނީ މިދިޔަ އާދީއްތަ ދުވަހު "ވަން"އަށް ކަށަވަރު ވެސް ކޮށްދީފައެވެ.

އެންސްޕާއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އުފެދުނީ އެމްއެމްޓީވީގެ ނަމުގައި ދާދި ފަހުން ހިންގަން ފެށި ޓީވީ ޗެނަލްގެ ކުންފުނި، މޯލްޑިވްސް މީޑިއާ ހައުސް އިން ފަސް އަހަރު ދުވަހަށް، ޖުމުލަ 34 މިލިއަން ރުފިޔާއަށް އިމާރާތެއް ކުއްޔަށް ހިފުމުންނެވެ. އެތަން އެންސްޕާ އިން ކުއްޔަށް ހިފީ ނެޝަނަލް ޓެންޑާ ބޯޑުން ހުއްދަ ދީ، އަދި އޯޕަން ޓެންޑާގެ އުސޫލުންނެވެ.

އެންސްޕާ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ އެޖެންސީ ހިންގަން މޯލްޑިވްސް މީޑިއާ ހައުސް އަތުން ކުއްޔަށް ހިފި އިމާރާތާ ގުޅޭ މުއާމަލާތާ ގުޅިގެން އެ ކުންފުނީގެ އަގު ވައްޓާލައި، ބަދުނާމު ކުރުމަށް ހަގީގަތާއި ހިލާފު އެތައް ވާހަކައެއް ދައްކައި މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

އެކަމުގެ ސަބަބުން އެ ކުންފުންޏަށް މާއްދީ އަދި މައުނަވީ ގޮތުން ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާތީ، އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ.

އެންސްޕާ އިން ބުނެފައިވަނީ، އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރުމަށްފަހު އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ އެޖެންސީން ނިންމާފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން އިތުރަށް ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ކަމަށްވެސް ބުނެފައިވެއެވެ.