ޚަބަރު

ހިދުމަތް ނުހުއްޓި ފޯރުކޮށްދޭން ކޭޝްފްލޯއަށް މަހަކު 85.9 މިލިއަން އިތުރަށް ބޭނުންވޭ: ފެނަކަ

1

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކޮންމެ މަހަކު އިތުރު 85.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިން މިއަދު އާންމުކުރި އެ ކުންފުނީގެ މާލީ ހާލަތާ ގުޅޭ ރިޕޯޓުގައި ބުނެފައިވަނީ އެ ކުންފުނީގެ ހިންގުމުގެ ހަރަދުގެ ގޮތުގައާއި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް އިންވެސްޓްމަންޓުގެ އިތުރުން މި އަހަރުގެ ކުރިން ނަގާފައިވާ ލޯނާއި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދައްކަންޖެހޭ ދަރަނި އަދާކުރުމަށް މަހަކު އެވްރެޖުކޮށް 299 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭ ކަމަށެވެ.

ނަމަވެސް އެ ކުންފުނިން ދޭ ހިދުމަތްތަކުން މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި އެވްރެޖުކޮށް ބިލު ކުރެވޭ އަދަދަކީ 220 މިލިއަން ރުފިޔާ ކަމަށާއި އޭގެ ތެރެއިންވެސް މަހެއްގެ މައްޗަށް ކަލެކްޝަންގެ ގޮތުގައި އެވްރެޖުކޮށް ލިބެނީ 213 މިލިއަން ރުފިޔާ ކަމަށް ބުންޏެވެ.

"ވުމާއެކު އިތުރު 85.9 މިލިއަން ރުފިޔާ ކުންފުނީގެ ކޭޝްފްލޯއަށް އިތުރުކުރެވިގެން ނޫން ގޮތަކަށް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްނުދެވޭނެކަން ފާހަގަކުރަމެވެ..،" ފެނަކައިން ބުންޏެވެ.

އެ ކުންފުނިން ބުނީ، 85.9 މިލިއަން ރުފިޔާގެ އިތުރުން އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އިތުރު 18 މިލިއަން ރުފިޔާވެސް ހަރަދު ކުރަންޖެހޭ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟