އިނގިރޭސިވިލާތުން ޗާގޯސް ނުވަތަ ފޯޅަވަހި އަތުލައިގެން އުޅެނީ ގާނޫނާ ހިލާފަށްކަމުގައި އައިޖޭއިން ނިންމާފައިވަނިކޮށް އެކަމާ ދެކޮޅަށް އދ.ގައި ވޯޓުދިނުމުން އެކަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުށްވެރިކޮށްފިއެވެ.
ޕީޕީއެމްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޕާޓީއިން ދެކޭގޮތުގައި، އެއީ ދުނިޔޭގެ މައިކޯޓުގެ ނިންމުމާ ދެކޮޅަށް އަދި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ ގޮތުގެ މަތިން ރާއްޖެއިން ކޮށްފައިވާ އަމަލެއް ކަމަށެވެ.
އދ. ގެ އެތައް ސަތޭކަ ގައުމާ އިދިކޮޅަށް އެންމެ ހަ ގައުމު ވޯޓު ދިންއިރު އެ ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުކަމީ ދުނިޔޭގެ ތަރައްގީއާ ތަމައްދުނުގެ ވިސްނުންތަކާ ރާއްޖެ ދުރުވެފައިވާ މިންވަރު ދައްކައިދޭ، އިސްތިއުމާރަށް ކުރާ ތާއީދު ހާމަކޮށްދޭ އަމަލެއް ކަމަށް ޕީޕީއެމްއިން ބުނެއެވެ.
މީގެ އިތުރުން ޕީޕީއެމްއިން ބުނެފައިވަނީ، ރާއްޖޭގެ ހާރިޖީ ވުޒާރާއިން އެ ނިންމުމަކީ ރާއްޖޭގެ ސަރަހައްދުގެ ބަޔެއް ގެއްލިދާނެތީ ސަރަހައްދު ސަލާމަތްކުރުމަށް ނިންމި ނިންމުމެއްކަމުގައި ބުނެފައިވީ ނަމަވެސް އެއީ އެކަން އޮތްގޮތް ނޫން ކަމަށެވެ. އަދި އެ މައްސަލައިގެ ހަގީގަތް އޮޅުވައިނުލައްވައި ސާފުކޮށްދެއްވައި މިކަމުގައި އަމަލުކޮށްފައިވާ ގޮތާމެދު ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އެޕާޓީން ގޮވާލާކަމަށް ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމް އިން އެކަން ކުށްވެރިކުރި ނަމަވެސް މި މައްސަލައިގައި (އައިސީޖޭ) ލަފައަކަށް އެދުމަށް 2017 ވަނަ އަހަރު އާއްމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށްވެސް ރާއްޖެއިން ވޯޓުދީފައިވެއެވެ. އޭރު ރައީސްކަމުގައި ހުންނެވީ ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އެފަހަރު ގަރާރާ ދެކޮޅަށް ރާއްޖެއާއެކު 15 ގައުމުން ވޯޓުލިއެވެ. ނަމަވެސް ގަރާރާ އެއްކޮޅަށް 94 ގައުމު ވޯޓުލިއެވެ.